ބޮލީވުޑް

ރަޝްމިކާ އާއި ވިޖޭ ވެސް ޗުއްޓީއަށް ރާއްޖޭގައި

ބޮލީވުޑަށް އަލަށް ނުކުތް ސައުތު އިންޑިޔާ ފިލްމު އިންޑަސްޓްރީގެ ވަރަށް މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ވިޖޭ ދޭވަރަކޮންޑާ އާއި ރަޝްމިކާ މަންދާނާ އަޅުވާ ކިޔާތާ ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ.

މި ދެ ތަރިން އަޅުވާ ކިޔަން ފެށީ ދެ އެކްޓަރުން އެކުގައި 2018 އާއި 2019 ގައި ކުޅުނު ވަރަށް ރޮމެންޓިކް ދެ ފިލްމު ރިލީޒްވި ފަހުންނެވެ. ނަމަވެސް މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަކަށް މިހާތަނަށް އެމީހުން އެއްބަސް ވެފައެއް ނުވެ އެވެ.

އިންޑިޔާގެ ނޫސްތަކުން އިއްޔެ ބުނި ގޮތުގައި ރާއްޖޭގައި ރޮމެންޓިކް ޗުއްޓީއެއް ހޭދަކުރުމަށް ވިޖޭ އާއި ރަޝްމިކާ އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ. އެމީހުން މުމްބައި އެއާޕޯޓުގައި ތިއްބާ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ވިޖޭ އާއި ރަޝްމިކާ އެކުގައި ފުރާކަން ނުދައްކަން ވެގެން ދެ މީހުން އެއާޕޯޓު ތެރެއަށް ވަދެގެން ދިޔައީ ވަކި ވަކިންނެވެ. ވިޖޭ ވަދެފައިވަނީ ރަޝްމިކާ އެއާޕޯޓަށް ވަންތާ ދެ ތިން މިނިޓް ފަހުންނެވެ.

މި ދެ އެކްޓަރުންގެ ފޭނުން އަބަދުވެސް އެމީހުން އަޅުވާ ކިޔަ އެވެ. އަދި އެއީ އެމީހުން އެކުގައި ކުޅެފައިވާ ފިލްމުތަކުގައި ދެ މީހުންގެ ކެމިސްޓްރީ ރަނގަޅު ކަމުންނެވެ.

ފޭނުން ބޭނުންވަނީ ފިލްމުތަކުގައި އެމީހުން އުޅޭ ގޮތަށް ހަގީގީ ހަޔާތުގައި ވެސް އެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުމަށެވެ. މިހާރު ބެލެވޭ ގޮތުގައި ފޭނުން ބޭނުންވާ ގޮތަށް މިކަން ވަނީ ނިމިފަ އެވެ.

ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން"ގެ ދާދިފަހުން ނިމުނު ސީޒަނުގައި ވިޖޭ ބައިވެރިވުމުން ކަރަން ވަނީ ރަޝްމިކާއާ ގުޅޭ ގޮތުން ވިޖޭ އާ ސުވާލުކޮށްފަ އެވެ.

މި ސުވާލުތަކަށް ޖަވާބު ދެމުން ވިޖޭ ބުނެފައިވަނީ ކެރިއަރުގެ ވަރަށް ކުރީކޮޅު ރަޝްމިކާއާ އެކު އޭނާ ދެ ފިލްމެއް ކުޅެފައިވާ ކަމަށެވެ. އަދި ރަޝްމިކާ އަކީ "ޑާލިން" އެއް ކަމަށް ބުނަމުން ވިޖޭ ބުނީ އޭނާ އާއި ރަޝްމިކާގެ އޮންނަނީ ވަރަށް ގާތް އެކުވެރިކަމެއް ކަމަށެވެ.

ރަޝްމިކާ ވެސް ކަނޑައެޅިގެން ވިޖޭ އާ ރައްޓެހިވެގެން ނޫޅޭ ކަމަކަށް ބުނެފައެއް ނުވެ އެވެ. އޭނާ އާއި ވިޖޭ އަޅުވާ ކިޔުމާ ގުޅެ ގޮތުން ރަޝްމިކާ ބުނެފައިވަނީ އެއީ ވަރަށް "ކިއުޓް" ވާހަކައެއް ކަމަށެވެ. އަދި ވިޖޭ އަކީ ގާތް އެކުވެރިއެއްގެ ގޮތުގައި ރަޝްމިކާ ސިފަ ކުރި އެވެ.

ރަޝްމިކާ އާއި ވިޖޭ ދެ ފިލްމެއްގައި ލޯބިވެރިންގެ ރޯލު ކުޅެފައި ވެއެވެ. އެއީ 2018ގައި ރިލީޒްކުރި "ގީތާ ގޯވިންދަމް" އާއި 2019ގައި ރިލީޒްކުރި "ޑިއާ ކޮމްރެޑޭ" އެވެ.

ވިޖޭ ބޮލީވުޑަށް ނުކުތީ މިއަހަރު ރިލީޒްކުރި "ލައިގާ" އިންނެވެ. މި ފިލްމުގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ. ރަޝްމިކާގެ ފުރަތަމަ ބޮލީވުޑް ފިލްމު "ގުޑްބައި" މި ހަފުތާގައި ވަނީ ރިލީޒްކޮށްފަ އެވެ. މި ފިލްމުގެ ބަތަލަކީ އަމީތާބު ބައްޗަން އެވެ.