ބޮލީވުޑްގެ އެކްޓްރެސް ސަނީ ލިއޯންއާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަނީ ލިއޯން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޗުއްޓީ ދަތުރު ރާވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 16 އިން 19 އަށެވެ.
މިދަތުރުގެ ހުރިހާ ކަމެއް އންތިޒާމު ކުރަނީ އިންޑިއާގެ ޓްރެވަލް އެޖެންސީ -- އޭޒް ޔޫ ޕްލޭން ކިޔާ ބައެކެވެ.
ސަނީގެ މިދަތުރުގެ ޕާޓްނަރުންގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރާ ބްރޭންޑް "ވިޒިޓް މޯލްޑިވްސް" އާއި ރާއްޖޭގެ ރެޑިސަން ބުލޫ ރިސޯޓް ހިމަނާފައިވާތީ އޭނާ ޗުއްޓީ ހޭދަކުރަނީ ރެޑިސަން ރިސޯޓުގައި ކަމަށް ބެލެވެ އެވެ.
ޗުއްޓީ ދަތުރުގައި ސަނީ ހުންނަ ރިސޯޓުން 100 ލަގްޒަރީ ވިލާ ބުކް ކޮށް ޗުއްޓީ ހޭދަކުރަން ބައިވެރިވާ މީހުންނަށް އެ ވިލާތައް ހަމަޖައްސަން ނިންމާފައިވެ އެވެ.
ސަނީގެ މިދަތުރުގައި މަޝްހޫރު އެތުލީޓުންނާއި ސެލެބްރިޓީން ތަކެއްވެސް ބައިވެރިވާ ކަމަށް ބެލެވެ އެވެ. ސަބަބަކީ ސަނީއާ އެކު ޗުއްޓީ ހޭދަކުރާ މީހުންނަށް މަޝްހޫރު އެފަދަ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެފައިވާތީ އެވެ.
ސަނީއާ އެކު ޗުއްޓީ ހޭދަކުރާ މީހުންނަށް އޭނާއާ އެކު ބީޗް ގޭމްތަކެއް ކުޅުމުގެ ފުރުސަތު ލިބި މޮޅުވާ މީހަކަށް ސަނީއާ އެކު ކޮފީ ޑޭޓަކަށް ދެވޭނެ އެވެ. އަދި ސަނީއާ އެކު އިރުއަރާ ގަޑީގައި ޔޯގާ އިވެންޓެއްގައި ބައިވެރިވެވޭނެ އެވެ.
މިދަތުރުގައި ބައިވެރިވާން ބޭނުންވާ މީހުން އޭޒް ޔޫ ޕްލޭންގެ ވެސްބައިޓަށް ވަދެ ރަޖިސްޓްރީވުމަށްފަހު ބުކިން ހައްދަންޖެހޭނެ އެވެ.