ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ކުޑަކުދިންނަށް ހާއްސަ ބޭސްތަކެއް ބޭނުން ނުކުރަން އަންގައިފި

އިންޑިއާގައި އުފައްދާފައިވާ ކުޑަކުދިންނަށް ހާއްސަ ކޯފް ސިރަޕް ތަކެއްގެ ރައްކާތެރިކަން ކަށަވަރުނުވާތީ މި ބޭސް ތަކުގެ ބައެއް ބެޗްތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

މަނާކޮށްފައިވަނީ އިންޑިއާގެ ހަރިޔާނާ ސްޓޭޓްގައި ހުންނަ މައިޑެން ފާމަސިޓިކަލް ލިމިޓެޑް ކިޔާ ކުންފުންޏަކުން އުފައްދާ ބޭސްތަކެކެވެ.

އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މައިޑެން ކުންފުނިން އުފައްދާ ކުޑަކުދިންގެ ކޯފް ސިރަޕްގައި "ޑައިތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ކިޔާ މާއްދާތަކެެއް ހިމެނޭތީ ބޭސްތައް ތަޣައްޔަރު ވެފައިވާ ކަމަށް ގެންބިޔާއިން ޑަބްލިއުއެޗްއޯއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަން އެމްއެފްޑީއޭގެ ސަމާލުކަމަށް ގެނެސްފައިވާތީ މަނާކުރި ބޭސްތައް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް އިއުލާންގައިވެ އެވެ.

މިބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭހެއް ނޫނެވެ. ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓް ވުމުގެ ފުރުސަތު އޮތުމުން ސަމާލުވުމަށް އެންގީ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމުގައި އެމްއެފްޑީއޭ އިން ބުނެ އެވެ. މަނާކުރި ބޭސްތަކާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެ އޮތޯރިޓީއާ ހިއްސާކުރުމަށްވެސް އެދިފައިވެ އެވެ.