ލައިފްސްޓައިލް

ލޯބިވެރިޔާ ހާސިލް ކުރަން އަންހެނުން ހަދާ ގޯސްތައް!

ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އޭގައި ޖެހިއްޖެ ނަމަ ފާޑަކަށް މޮޔަ ކޮށްލަ އެވެ. ލޯބި ހާސިލް ކުރަން އެތައް މަސައްކަތެއް ކުރެ އެވެ. ގިނަ ފަހަރަށް ލޯބި ހޯދަން އިސްނަގައި އެމަސައްކަތް ފަށަނީ ފިރިހެނުންނެވެ. ނަމަވެސް އަންހެނުންވެސް ލޯބި ހާސިލް ކުރަން ފިރިހެނުންނެކޭ އެއްވަރަށް އަދި އެއަށްވުރެ ބޮޑަށް މަސައްކަތް ކުރެއެވެ.

ލޯބިވެރިޔާ ހޯދަން މިހެން މަސައްކަތް ކުރާއިރު ގިނަ ފަހަރަށް އަންހެނުންނަށް ގޯސް ތަކެއްވެސް ހެދެ އެވެ. އެހެން ކަމުން ލޯބިވެރިޔާ ހާސިލް ވުމުގެ ބަދަލުގައި ހައްތަހާވެސް ދުރުވާ ފަހަރު އާދެ އެވެ.

ތައުލީމާއި ދުރުވުން

ލޯބިވެރިޔާ އަކީ ކިޔަވައިގެން ހުރި އަދި ތައުލީމަށް ލޯބިކުރާ މީހެއް ނަމަ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުންވަނީ ތައުލީމީ ކުއްޖެކެވެ. ކިޔެވުމާއި ދުރު އަދި ކިޔަވަން ބޭނުން ނުވާ ޖާހިލަކާއެކު ދިރިއުޅުމެއް ފަށާކަށް ގިނަ ފިރިހެނުންނެއް ބޭނުމެއް ނުވާނެ އެވެ. އެހެން ކަމުން އަބަދުވެސް ކިޔެވުމަށް ލޯބިކޮށް ތައުލީމާއެކު ކުރިއަށްދާށެވެ. ތިމާއަކީ ކާމިޔާބު އަދި ކުޅަދާނަ މީހެއްކަން ލޯބިވެރިޔާ އަށް ހާމަކޮށްދޭށެވެ. ނަމަވެސް އެއީ ތައުލީމާއި މަސައްކަތުގެ ދާއިރާގަ އެވެ.

އަމިއްލަ ހަށިގަނޑާއި ދޭތެރޭ ފަރުވާ ކުޑަކުރުން

އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. އެހެން ނަމަވެސް އަމިއްލަ ހަށިގަނޑާއި މެދު ފަރުވާތެރިވެ އަބަދުވެސް ރީތިކޮށް ހުންނާށެވެ. އަމިއްލަ ނަފްސަށް ނުކުރާ އިހުތިރާމެއް އެހެން މީހަކަށް ކުރާނެ ކަމަކަށް ފިރިހެނުން ގަބޫލެއް ނުކުރާނެ އެވެ.

އިހްތިރާމް ކުރުން

ތިމާ ލޯބިވެރިޔާ އަށް އިހްތިރާމް ކުރާ މިންވަރަކީ އޭނާ ވަރަށް ބޮޑަށް އެނގެން ބޭނުންވާނެ ކަމެކެވެ. ތިމާ އޭނާ އަށް އިހުތިރާމް ނުކުރާ ނަމަ އޭނާވެސް އިހުތިރާމެއް ނުކުރާނެ އެވެ. އަބަދުވެސް ހަނދާން ކުރާށެވެ. އިހްތިރާމް ލިބޭނީ އިހްތިރާމް ކޮށްގެންނެވެ.

ލޯބިވެރިޔާ މާބޮޑަށް ހިފެހެއްޓުން

މިއީ ވަރަށް ގިނަ އަންހެނުން ކުރާ ކަމެކެވެ. ފިރިހެން މީހާ ތިމާގެ ބާރުގެ ދަށުގައި ހިފަހައްޓަން މަސައްކަތް ކުރެއެވެ. ނަމަވެސް އެއީ ފިރިހެނުން ފޫހިވާ ކަމެކެވެ. އެމީހުންނަށް މިނިވަން ދޭށެވެ. އަދި އިތުބާރު ކުރާށެވެ. ތިމާދެކެ ލޯބިވެ އެކުގައި އުޅެން ބޭނުންވާނަމަ އެހެން އަންހެނެއް ކައިރިއަކަށް ނުދާނެ އެވެ.

ހަސަދަވެރިވުން

މާ ބޮޑަށް ހަސަދަވެރި ނުވާށެވެ. ލޯބިވެރިޔާ އެހެން އަންހެއް ކުއްޖަކާ ވާހަކަ ދައްކާލިއަސް އެކަން ބޮޑު އިޝޫއަކަށް ނުހަދާށެވެ. ރައްޓެހިންވެސް ތިބޭނެއެވެ. އެމީހުންނާއެކު ވަގަުތު ހޭދަކޮށް ވާހަކަ ދައްކަން ބޭނުންވާނެކަން ހަނދާން ކުރަންވާނެ އެވެ. އޭނަ އާ ހެދި މާބޮޑަށް ނޫޅޭށެވެ. "ހޭބަލިވެގެން" އުޅުމަކީ ފިރިހެނުން ވަރަށް ފޫހިވާ ކަމެކެވެ.