ލައިފްސްޓައިލް

މަރުވިކަމަށް ހިތާ ބޮޑީބޭގަށް ލީ މީހަކު މަރުނުވާކަން އެނގިއްޖެ

މަރުވެފައިވާ ކަމަށް ނިންމައި ބޮޑީބޭގަކަށް ލާފައި ގަބުރުސްތާނަކަށް މީހަކު ގެންގޮސްފައިވަނީ މަރު ނުވަނީސް ކަމަށް އޮސްޓްރޭލިޔާގެ ޑޮކްޓަރަކު ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ "ދަ ޓެލެގްރާފް"ގައިވާ ޚަބަރެއްގައިވާ ގޮތުން މި ކަމެއް ހިނގީ ދެކުނު އޮސްޓްރޭލިޔާގެ ރޮކިންހަމް ޖެނެރަލް ހޮސްޕިޓަލެއްގަ އެވެ.

އެ ހޮސްޕިޓަލުގައި އޮތް ބަލި މީހެއް ކަމަށްވާ ކެވިން ރީޑް، 55، އަށް ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު ފަސްވަނަ ދުވަހު މަރުވީ ކަމަށް ނިންމައި ނަރުހުން ވަނީ އޭނާ ބޮޑީބޭގަކަށް ލާފައި ގަބުރުސްތާނަށް ފޮނުވާލާފަ އެވެ.

ނަމަވެސް ޑޮކްޓަރަކަށް ޝައްކުވެގެން ބެލި ބެލުމުން އެމީހާ މަރުވީ ސެޕްޓެމްބަރު ހަވަނަ ދުވަހު ކަމާއި ބޮޑީބޭގަށް ލާފައި ގަބުރުސްތާނަށް ފޮނުވާލިއިރު އެމީހާ މަރުނުވާކަން ވަނީ ޔަގީން ކުރެވިފަ އެވެ.

ޑޮކްޓަރަށް މި މީހާ މަރުނުވަނީސް ބޮޑީބޭގަށް ލީކަން އެނގުނީ ގަބުރުސްތާނަށް ގެންދިޔަ ދުވަސް ނޫން އަނެއް ދުވަހު ބޮޑީބޭގްގެ ޒިޕް ކަހާފައި ބެލިއިރު ގަބުރު ލައްވާފައި އޮތް ގައުނުގައި ތާޒާ ލޭ ހުރުމުންނެވެ. އަދި އެމީހާ އޮތީ ދެ ލޯ ވެސް ހުޅުވައިގެން ކަމަށް ކޮރޯނާ އޮފީހަށް ޑޮކްޓަރު ފޮނުވި ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަރުހުންނަށް ރީޑް މަރުވީ ކަމަށް ގަބޫލު ކުރެވިގެން އޭނާ ބޮޑީބޭގަށް ލާފައި މޯގަށް ފޮނުވާފައި އާއިލާއަށް އެކަން އެންގީ އެވެ. އެމީހާ ގަބުރުސްތާނަށް ފޮނުވާލީ މަރުވިކަމަށް އެއްވެސް ޑޮކްޓަރަކު ލިޔުން ނުދެނީހެވެ. ހޮސްޕިޓަލުން މިހާރު ބުނަނީ އެއީ މުވައްޒަފުން މަދުވެގެން ދިމާވި ކަމެއް ކަމަށެވެ. އަދި އެއް ވަގުތެއްގައި މަރުވި ދެ މީހެއްގެ ވެސް އޮޅުންތަކެއް އެރި ކަމަށެވެ.

އެމީހާގެ މަރުގެ ސެޓްފިކެޓް ނުލިޔެ އޮތުމުން ޖެހިގެން އައި ދުވަހު ގަބުރުސްތާނަށް ޑޮކްޓަރަކު ދިޔައީ މަރުވި މީހާގެ ގުނަވަންތައް ހަދިޔާކުރަން ނިންމާފައިވާތީ އެކަމާ ގުޅޭ ކަންތައްތަކެއް ކުރުމަށެވެ.

ޑޮކްޓަރު ގޮސް ބޮޑީބޭގް ހުޅުވާފައި ބެލިއިރު އެމީހާ ލައްވާފައި އޮތް ގައުނުގައި ތާޒާ ލޭ ހުއްޓެވެ. އަދި އެމީހާ އޮތީ ދެ ލޯ ހުޅުވައިގެންނެވެ. އަދި ގަބުރު އޮތީ ބޭއްވި ޕޮޒިޝަނަކަށް ވެސް ނޫނެވެ. އެހެންވެ އެ މީހާ ބޮޑީބޭގަށް ލާފައި މޯގަށް ފޮނުވާލީ މަރު ނުވަނީސް ކަން ޑޮކްޓަރަކަށް ޔަގީންވީ އެވެ.
ޑޮކްޓަރު ބުނި ގޮތުގައި ހޮސްޕިޓަލުގެ ސީނިއާ އޮފިޝަލުން ބޭނުންވީ އެ މީހާ މަރުވި ތާރީޚަކަށް ކުރީ ދުވަހުގެ ތާރީޚު ޖަހާފައި ސެޓްފިކެޓް ދޭށެވެ. ނަމަވެސް އޭނާގެ ޒަމީރު އެގޮތް ގަބޫލުނުކުރާތީ ކަމާ ބެހޭ އިދާރާ ކަމަށްވާ ކޮރޯނާ އޮފީހަށް އެ މައްސަލަ ހުށަހަޅައި ޑޮކްޓަރު ވަނީ ހޮސްޕިޓަލުން އިސްތިއުފާ ދީފަ އެވެ.

ޑޮކްޓަރު މިކަން އެންގުމާއެކު ކޮރޯނާ އޮފީހުން މި މައްސަލަ ތަހުގީގުކުރަން ވަނީ ފަށާފަ އެވެ.

އޮސްޓްރޭލިޔާގެ ބައެއް ސިޔާސީ މީހުން މިހާރު ވަނީ މިކަން ވަރަށް ބޮޑު ކަމަކަށް ހަދާފަ އެވެ. އަދި މިއީ އެ ގައުމުގެ ހެލްތުކެއާ ސިސްޓަމް ސްޓްރެސް ވެފައިވާލެއް ބޮޑުކަން އަންގައިދޭ ކަމެއް ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ސައުތު މެޓްރޯޕޮލިޓަން ހެލްތު ސާވިސްގެ ޗީފް އެގްޒެކެޓިވް ޕޯލް ފޯޑެން ވިދާޅުވި ގޮތުގައި ރީޑް މަރުވީ ކަމަށް ނިންމައި ބޮޑީބޭގަށް ލީއިރު އޭނާ އޮތީ އަސްލު މަރުވެފައި ކަމަށް ގަބޫލު ކުރެވެ އެވެ. އަދި މަރުވުމަށްފަހު ވެސް ބައެއް ގަބުރު ހަރަކާތްކުރާ ކަމަށް އޭނާ ބުންޏެވެ. އަދި ހޮސްޕިޓަލުން އިތުރަށް މި މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް ޗީފް އެގްޒެކެޓިވް ވިދާޅުވި އެވެ.