މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ހުރަވީ ބިލްޑިން ހުރި ބިމުގައި ހަދާ ޕާކް އަންނަ މަހު ހުޅުވަނީ

Oct 9, 2022
1

ހުރަވީ ބިލްޑިން ހުރި ބިމުގައި ހަދަމުންދާ ޕާކްގެ މަސައްކަތް ނިންމާ އަންނަ މަހު ހުޅުވުމަށް ތައްޔާރު ވާން ފަށައިފި އެވެ.

އެ ބިމުގައި ކޮންމެވެސް ވަރަކަށް ވެހިކަލް ޕާކް ކުރެވޭ ގޮތަށާއި، މުނިފޫހިފިލުވާލެވޭ ގޮތަށް ޕާކެއް ހެދުމަށް ނިންމާ އެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޕާކްގެ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު އަންނަ މަހުގެ 11 ވަނަ ދުވަހު ޕާކް ހުޅުވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

"މިހާރު ޕާކްގެ ބޮޑު ބައެއް އެވަނީ ނިމިފައި. އެހެންނަމަވެސް އަދިވެސް މަސައްކަތްތައް ކުރިއަށް އެބަދޭ. މިހާރު މިދާ ގޮތަށް އެއްވެސް ހުއްޓުމެއް ނައިސް ކުރިއަށް ގޮސްފިނަމަ އަންނަ މަހު ހުޅުވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ބާވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ އަދި ގާތްގަނޑަކަށް 35 އަހަރުވެފައިވާ ހުރަވީ ބިލްޑިންގައި މިދިޔަ އަހަރާ ހަމައަށްވެސް ދައުލަތުގެ އޮފީސްތައް ހިންގާފައިވެ އެވެ.

ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ފެށީ އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާގުޅޭ އިދާރާތަކުން ކަނޑައެޅިތާވެސް 10 ވަރަކަށް އަހަރު ފަހުންނެވެ.

އިމާރާތް ތަޅާލުމުގެ ކުރިން އެ އިމާރާތުގައި ހުރި ބޭނުންކުރެވޭ ޒާތުގެ ތަކެތި ސަރުކާރުން ވަނީ ނީލަމުގައި ވިއްކާލާފަ އެވެ.