އަމީނީމަގު ހެދުމަށް ގަސްކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ގަސްކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މައްޗަށް ނެރުމަށް އެދި ކޯޓަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ނެވެ.
ވަގުތީ އަމުރާމެދު ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަގުތީ އަމުރު ނެރުމާގުޅޭ އުސޫލުތައް ތަތުބީގު ކުރުމުން ނުކުންނަ ނަތީޖާ ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ވަގުތީ އަމުރަށް އެދޭ ފަރާތަށް، ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެފައި ނުވާ ކަމަށާއި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ އިއާދަނުކުރެވޭނެ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހޭކަން އެނގެން ނެތް ކަމަށެވެ.
މީގެއިތުރުން ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެ އަމުރަށް އެދުމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމުގައި ބެލެވެން ނެތް ކަމަށްވެސް ވަނީ ނިންމަވާފަ އެވެ.
ވަގުތީ އަމުރުގެ ޝަރީއަތް ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔައީ މިމަހުގެ ހަވަނަ ދުވަހު އެވެ. ޝަރީއަތުގައި އާރްޑިސީން ވަނީ ގަސް ކެނޑުން ހުއްޓުވުމުގެ އަމުރު ނެރެފިނަމަ ދުވާލަކު ލައްކައަަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ވާނެ ކަމަށް ބުނެފަ އެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލަ ކޯޓަށް ހުށަހެޅީ ޝުނާނާ އެންޑް ކޯ އެލްއެލްޕީގެ ފަރާތުންނެވެ.
އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑަނީ މަގުގައި ހޮޅިވަޅުލުމަށް ދަތިވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.
މަގު ހެދުމަށް އެތައް ގަހެއް މިހާރު ވަނީ ކަނޑާލާފައި ނޫނީ ނަގާފަ އެވެ. ކަނޑާލި ގަހަކަށް ގަހެއް އިންދާނެ ކަމަށް އާރްޑީސީން ބުނެ އެވެ. އަދި ނެގި ގަސްތައް ގެންދާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ހަދަމުންދާ ކުޑަގިރި އަށް ކަމަށްވެސް އާރްޑީސީން ބުނެފައިވެ އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީ އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.