ސަރުކާރުން އެދޭ ބާރުމިނުގައި ކުންފުނިތައް ކުރިއަށް ނުދާނަމަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ބަދަލުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އެސްޓީއޯއަށް 50 އަހަރު ފުރުމާ ދިމާކޮށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުންފުނިތައް އޮޑިޓް ކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ކުންފުނިތަކަކީ ފައިދާ ނެރެވޭ ކުންފުނިތަކަށް ވާން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރު ކުންފުނިތަކަށް، ސަރުކާރުން ހުށަހަޅަނީ ނުކުރެވޭ ކަންތައްތަކެއް ނޫން ކަމަށާއި އެ ކަންތައްތައް ނުކުރެވޭނަމަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ ބަދަލުވާނެ ކަމަށެވެ.
"ކުންފުނިތައް ވިޔަފާރީގެ ތެރޭގައި އުޅުމަށް އަމިއްލަ ސްޕީޑް އިހުތިޔާރެއް ނުކުރެވޭނެ. އެއަށްވުރެ މާ ހަލުވި ފަސް އަހަރަށް ކުރިމަތިލާގެން މިތިބީ. އެހެންވެ ސަރުކާރުގެ ޓެމްޕޯއާ ރާއްޖޭގެ އިގްތިސާދުގެ ޓެމްޕޯއާ ފައިހަމަ ކުރެވޭ ކުންފުނިތަކަށް ކުންފުނިތައް ވާން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކުންފުނިތައް އުފައްދާ ބޭނުން ކުންފުނިތަކުގެ ބޯޑު ރޫމްތަކުގައި މުރާޖައާ ކުރަން ޖެހޭ ކަމަށެވެ.
"ކުންފުނިތައް އުފައްދާފައިވަނީ ހިއްސާދާރާއި ގުޑް ގަވަނަންސްގެ އުސޫލާ ހިލާފު ނުވާ ގޮތަށް. ސަރުކާރު ކުންފުނިތަކުގެ އެއްވެސް ކަހަލަ ރޯލެއް ނޯންނާނެ ޕްރޮފިޓް މެކްސިމައިޒް ކުރާކަން. ސަރުކާރުން އެންމެ ބޮޑަށް ބޭނުންވާނީ މުދަލުގެ އަގުތައް ކުޅަދާނަ އަގެއްގައި ބެހެއްޓުމަށް،" ރައީސް ވިދާޅުވި އެވެ.