އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން ފަރުވާ ދޭ މަރުކަޒު -- ސެންޓަރ ފޯ މެންޓަލް ހެލްތް (ސީއެމްއެޗް)ގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން ހަދާފައި އޮތް އެޕޮއިންޓްމެންޓްގެ ދިގު ލިސްޓު ބޮޑު ތަނުން ކުޑަކޮށްލައިފި އެވެ.
ސީއެމްއެޗްގައި ފަރުވާ ހޯދުމަށް މި އަހަރުގެ އޭޕްރީލް ހިސާބުގައި 3،500 މީހުން ވެއިޓްލިސްޓުގައި ތިއްބެވެ. ނަމަވެސް އޮކްޓޯބަރާ ހަމައަށް ވެއިޓްލިސްޓުގެ އަދަދު ވަނީ 510 މީހުންނަށް ތިރިކޮށްފަ އެވެ.
ވެއިޓްލިސްޓް ދައްކުރީ މި އަހަރުގެ ޖުލައި މަހުން ފެށިގެން ސީއެމްއެޗްގައި ހިދުމަތްދޭ ސައިކޭޓްރިސްޓުންގެ އަދަދު ހަތަރަކުން އަށަކަށް އިތުރުކޮށްގެންނެވެ.
އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކަށް ބަލާއިރު ސީއެމްއެޗް ގާއިމުކޮށް ހިދުމަތް ދޭން ފެށި ފަހުން މިހާތަނަށް ޖުމުލަ 55،608 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ. މި އަހަރު އެކަނިވެސް މި ސެންޓަރުން 13،718 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ. މި ސެންޓަރުގައި 71 މުވައްޒަފުން މިވަގުތު މަސައްކަތް ކުރަމުންދާއިރު ސަރުކާރުން އަންނަނީ މި އަދަދު އިތުރު ކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ.
ސަރުކާރުން އަންނަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ މީހުންނަށް ވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ. އެގޮތުން މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހަރަދުތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށް މިސަރުކާރުގައި ވަނީ ހަމަޖައްސާފަ އެވެ. އަދި މާލެ ސިޓީ ފިޔަވާ ރާއްޖޭގެ ފަސް އަތޮޅެއްގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދޭނެ އިންތިޒާމު ސަރުކާރުން ގެންދަނީ ހަމަޖައްސަމުންނެވެ.
ރީޖަނަލް މެންޓަލް ސެންޓަރުތަކެއް ގާއިމުކުރުމުގެ އިތުރުން ޕްރައިމަރީ ހެލްތު ކެއާގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ އިންތިޒާމުތައްވެސް ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސީއެމްއެޗް ހުޅުއްވައިދެއްވީ މާޗް 25، 2019 ވަނަ އަހަރު އެވެ.
ސީއެމްއެޗް މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ރައްކާތެރި އަދި އެ މީހުންގެ އާއިލާތަކުގެ އިތުބާރާއެކު ފަރުވާ ފޯރުކޮށްދިނުމެވެ. ސީއެމްއެޗް އިން ސައިކޭޓްރީ، ސައިކޮލޮޖީ، ކައުންސެލިން، ސައިކޮތެރަޕީ، ސޯޝަލް ވާކް އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތްދެ އެވެ.