ރާއްޖެ ކުޅިވަރު

ބަންގާޅު ބަލިކޮށް ރާއްޖެ ސެމީ އަށް

ބަންގާޅުގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު 2-0 އިން ބަލިކޮށް، ބަންގް ބަންދު ގޯލްޑް ކަޕުގެ ސެމީ ފައިނަލަށް ރާއްޖެ މިރޭ ހިނގައްޖެ އެވެ.

ބަންގާޅުގެ ރަސްމީ ދަނޑު ކަމަށްވާ ބަންގް ބަންދު ނެޝަނަލް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އިސްމާއީލް އީސާ (މެސީ) ފުރަތަމަ ގޯލު ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ އަހުމަދު އިމާޒް (އާއްކޮ) އެވެ. މި މެޗުގައި ލަނޑުން ޖަހަން ރާއްޖެ އަށް އިތުރު ފުރުސަތުތައް ވެސް ލިބިފައިވެ އެވެ.

މި މޮޅާއެކު ރާއްޖެ ސެމީ އަށް ދިޔައީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ޖުމުލަ ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ސެމީގެ ދެ ވަނަ ޖާހަ ލިބޭނީ ގްރޫޕުގެ ފަހު މެޗުގައި ބަހުރޭނާއި ބަންގާޅު ކުޅޭ ދެ މެޗަށް ފަހު އެވެ. މިއަދު މެންދުރު ފަހު ބަހުރޭން އަތުން 1-0އިން ބަލިވުމުން ކެމްބޯޑިއާ ވަނީ މުބާރާތުން ކަޓާފަ އެވެ. އަދި ބަހުރޭން މިވަގުތު އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ދެ ވަނާގަ އެވެ. ފަހު މެޗުގައި އެ ޓީމު ކުޅޭނީ ރާއްޖެ އާ އެވެ. އެންމެ ޕޮއިންޓަކާއެކު އޮތް ބަންގާޅު ކުޅޭނީ ކެމްބޯޑިއާ އެވެ.