ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަފްސާނީ ބަލިތަކަށް ހެޔޮ އަގެއްގައި ފަރުވާ ހޯދެންވާނެ: ރައީސް

Oct 10, 2022
1

ނަފްސާނީ ބަލީގެ މީހުންނަށް ފަސޭހަކަމާ އެކު އަވަސް ހިދުމަތްތަކެއް ހެޔޮ އަގެއްގައި ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.

ރައީސް ސޯލިހް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮ ކަމަށް މިހާރަށް ވުރެ ބޮޑު ސަމާލު ކަމެއް ދޭން ޖެހޭ ކަމަށާއި އަދި ނަފްސާނީ ބަލިތަކަށް ހޭލުންތެރިކުރުވުން މުހިންމު ކަމަށެވެ. އެ މަސައްކަތުގައި މުޅި ދުނިޔެ ވެސް އިސްކަން ދޭން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"އަވަހަށް އަދި ހެޔޮ އަގެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނެ ގޮތް އެންމެންނަށްވެސް ހަމަޖެހިފައިވުމަކީ ކަށަވަރުވެފައި އޮންނަންޖެހޭ ހައްގެއް،" ރައީސް ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި މިސަރުކާރުގައި ވަނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގައި ހާއްސަ ސެންޓަރެެއް ހުޅުވާފަ އެވެ.

އައިޖީއެމްއެޗްގައި ނަފްސާނީ މީހުންނަށް ހާއްސަ ސެންޓަރު ގާއިމުކޮށް ހިދުމަތް ދޭން ފެށި ފަހުން މިހާތަނަށް ޖުމުލަ 55،608 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ. މި އަހަރު އެކަނިވެސް މި ސެންޓަރުން 13،718 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ. މި ސެންޓަރުގައި 71 މުވައްޒަފުން މިވަގުތު މަސައްކަތް ކުރަމުންދާއިރު ސަރުކާރުން އަންނަނީ މި އަދަދު އިތުރު ކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ސެންޓަރު ރަސްމީކޮށް ހުޅުވީ މިއަދު އެވެ.

ސަރުކާރުން އަންނަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ މީހުންނަށް ވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ. އެގޮތުން މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހަރަދުތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށް މިސަރުކާރުގައި ވަނީ ހަމަޖައްސާފަ އެވެ. އަދި މާލެ ސިޓީ ފިޔަވާ ރާއްޖޭގެ ފަސް އަތޮޅެއްގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދޭނެ އިންތިޒާމު ސަރުކާރުން ގެންދަނީ ހަމަޖައްސަމުންނެވެ.

ރީޖަނަލް މެންޓަލް ސެންޓަރުތަކެއް ގާއިމުކުރުމުގެ އިތުރުން ޕްރައިމަރީ ހެލްތު ކެއާގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ އިންތިޒާމުތައްވެސް ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ.