މަސްތުވާތަކެތި

އަރުޝަދު ލަންކާ އިން މާލެ އައުމުން ހައްޔަރުކޮށްފި

ރާއްޖޭގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ގިނަ ދުވަސްތަކަކު ރާއްޖޭން ބޭރުގައި އުޅުމަށްފަހު މާލެ އައުމުން ހައްޔަރުކޮށްފި އެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތީގެ ދައުވާއަކުން ސަލާމަތްވުމުންނެވެ.

އޭނާގެ މައްޗަށް އޭރު ދައުވާ ކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާއާ އަރުޝަދާ ގުޅުންތަކެއް ހުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުން މިދިޔަ އަހަރު ފަހުކޮޅު ހިންގި މަސްތުވާތަކެތީގެ އިތުރު އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެކަމުގެ އަޑީގައި ހުރީވެސް އަރުޝަދު ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު އޭނާ ވަނީ ރާއްޖެއިން ފުރާފަ އެވެ.

އަރުޝަދު މިދިޔަ ދުވަސްތަކުގައި ދިރިއުޅެމުން ދިޔައީ ސްރީލަންކާގަ އެެވެ. އޭނާ މާލެ އައިސްފައި މިވަނީ ލަންކާގައި ހުރެފައި އަމިއްލަ ބޭނުމަކު ދުބާއީ އަށް ދިއުމުން ދުބާއީ އަށް އެތެރެވުމަށް ފުރުސަތު ނުދީ އަނބުރާ ލަންކާއަށް ފޮނުވާލި ފަހުންނެވެ.

އަރުޝަދު ރާއްޖެ އައުމުން ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފުލުހުން މިމައްސަލައިގައި އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.