އައްޑޫ ސިޓީ

ފޭދޫން 298 ގޯތި ދޫކުރަނީ

މިއަހަރު ފަހުކޮޅު އައްޑޫ ސިޓީގެ ފޭދޫއިން 298 ގޯތި ދޫކުރަން ތައްޔާރުވަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ފިޔަވަހިތަކަކަށް ބަހާލައިގެން ދޫކުރުމަށް ހަމަޖެހިފައިވާ މި ގޯތިތައް ދޫކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭން މިހާރު ހަދާ ނިމިފައިވާ ކަމަށެވެ.

ލޭންޑް ޔޫސް ޕްލޭން ހަދާފައިވަނީ އައްޑޫ ސިޓީ ކައުންސިލުންނެވެ. އެ މަސައްކަތް ކުރި މުވައްޒަފުންނަށް ޝުކުރު އަދާކޮށް އައްޑޫ މޭޔަރު ވިދާޅުވީ އެކަމަކީ އެ ކައުންސިލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަލީ ނިޒާރު ވިދާޅުވީ ދޫކުރުމަށް ހަމަޖެހިފައިވާ 298 ގޯތި ދޫކުރުމުން ފޭދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. މީގެއިތުރުން 75 ފްލެޓް އަޅަން މިހާރު ނިންމާފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 6،000 އެއްހާ މީހުން ދިރިއުޅޭ ފޭދޫއަކީ ބޯހިޔާވަހިކަމުގެ ދަތިކަން އައްޑޫގައި އެންމެ ބޮޑު އެއް ރަށެވެ.