ކްރިމިނަލް ކޯޓް

މީޑިއާނެޓްގެ އޮފީހުގައި މާރާމާރީ ހިންގި މީހާ ޝަރީއަތް ނިމެންދެން ބަންދު

Oct 11, 2022

މީޑިއާނެޓް އޮފީހަށް ވަދެ ބަޔަކު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ތުހުމަތުކުރެވޭ އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މީޑިއާނެޓަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އިރުއޮއްސުމާ ވަރަށް ގާތްވެފައި ވަނިކޮށެވެ.

މައްސަލައިގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރުކުރި ނަމަވެސް މިހާރު ބަންދުގައި ހުރި މީހާ ސާމިހު މުހައްމަދު ނައީމު ކިޔާ މީހެކެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ..

ސާމީހް އަށް ކުރަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އަމުރުގައިވާ ގޮތުން މީޑިއާނެޓްގެ އޮފީހަށް ވަދެ ސާމިހް މާރާމާރީ ހިންގަނިކޮށް ސީސީޓީވީ ފުޓޭޖަށް އެ މަންޒަރު ރެކޯޑް ކުރެވިފައިވެ އެވެ. އަދި ދައުލަތުން އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފައިވާ ކަމަށްވެސް އަމުރުގައިވެ އެވެ.

މާރާމާރީއާ ގުޅިގެން މީޑިއާނެޓްގެ އޮފީހުގައި ހުރި މީހަކަށް އަނިޔާވެގެން އޭޑީކޭގައި ކުރިން ފަރުވާވެސް ހޯދި އެވެ.