ހުޅުމާލޭގެ އިތުރު ދެ ސަރަހައްދަކަށް ބަސް ހުއްޓަން ނިންމައިފި އެވެ.
އެމްޓީސީސީން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތުގެ ތެރޭގައި ހިމެނޭ ބަސް ދަތުރުތަކުގައި އިތުރު ދެ ބަސް ހުއްޓި ގާއިމުކުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދެ ސަރަހައްދެއްގަ އެވެ.
އެއީ ނިރޮޅު މަގަށްވާ ގޮތަށް ހުންނަ މަސްޖިދުލް އަމީލް ޖަމީލް ބަސް ހުއްޓި އާއި ހިތިގަސް މަގަށްވާ ފޮތަށް ހުންނަ ސްޓެލްކޯ ފްލެޓް ބަސް ހުއްޓި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ ވެސްޓްޕާކް ސަރަހައްދަށާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ ކާނިވަލް ސަރަހައްދުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް އެމްޓީސީސީގެ ބަސްތައް ދަތުރުކުރެ އެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ވެސް މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަސް ދަތުރުތައް ކުރިއަށް ގެންދެ އެވެ.
މާލެ ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތް ފެށީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ. މި ހިދުމަތަށް އަގު ނަގަން ފެށީ މިމަހުގެ ތިންވަނަ ދުވަހު އެވެ. އެގޮތުން ނަގަނީ ދަތުރަކަށް ހަތް ރުފިޔާ އެވެ.
އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ވެސް ބަހުގެ ކިއުއާރް ޓިކެޓް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން އާރްޓީއެލްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ.
މިނީ ބަސްތައް މާލޭގެ ތިން ރޫޓަކުން ދަތުރުކުރެ އެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބެ އެވެ.
މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.
މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.