މޯލްޑިވްސް ޕޮލިސް ސާވިސް

އަރުޝަދު ހައްޔަރެއް ނުކުރަން، ހިފެހެއްޓީ ކޯޓަށް ހާޒިރުކުރަން: ޕޮލިސް

ރާއްޖޭގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ އަރުޝަދު ހާލިދު މާލެ އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހައިކޯޓުން ކުރިން ކޮށްފައިވާ އަމުރެއްގެ ދަށުން ކޯޓަށް ހާޒިރުކުރުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަރުޝަދު ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެއީ ހައިކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ކުރެވުނު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އަރުޝަދު ކޯޓަށް ހާޒިރުކުރަން އަމުރު ނެރެފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތީގެ ދައުވާއަކުން ސަލާމަތްވުމުންނެވެ.

އޭނާގެ މައްޗަށް އޭރު ދައުވާ ކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާއާ އަރުޝަދާ ގުޅުންތަކެއް ހުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުން މިދިޔަ އަހަރު ފަހުކޮޅު ހިންގި މަސްތުވާތަކެތީގެ އިތުރު އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެކަމުގެ އަޑީގައި ހުރީވެސް އަރުޝަދު ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު އޭނާ ވަނީ ރާއްޖެއިން ފުރާފަ އެވެ.

މިވަގުތު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައިވަނީ 119 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ކޯޓުން ނެރެނު އަމުރެއް ތަންފީޒުކުރަން ކަމަށް އެނގިފައިވެ އެވެ.

އަރުޝަދު މިދިޔަ ދުވަސްތަކުގައި ދިރިއުޅެމުން ދިޔައީ ސްރީލަންކާގަ އެެވެ. އޭނާ މާލެ އައިސްފައި މިވަނީ ލަންކާގައި ހުރެފައި އަމިއްލަ ބޭނުމަކު ދުބާއީ އަށް ދިއުމުން ދުބާއީ އަށް އެތެރެވުމަށް ފުރުސަތު ނުދީ އަނބުރާ ލަންކާއަށް ފޮނުވާލި ފަހުންނެވެ.