މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ހޯދަން ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން ސަމާލުވާންޖެހޭ ކަމެއް

ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ފޯމް ހުށަހެޅި މީހުން ފޯމު ހުށަހެޅިފައި އޮތް ކަން ޔަގީންކުރުމަށް ޕްލޭނިން މިނިސްޓްރީން އެދިއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ ޖޮއިންޓް އެޕްލިކޭޝަންގައި، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް މީހުން ޕޯޓަލް މެދުވެރިކޮށް އިގުރާރު އެޕްރޫވް ނުކުރާ ކަމަށެވެ. އެކަމުގެ ސަބަބުން ފޯމު ހުށަހެޅިފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ފުރިހަމަވާނީ އެ އެޕްލިކޭޝަނުގައި ބައިވެރިވާ ހުރިހާ އެންމެން އެ މީހެއްގެ އީފާސް މެދުވެރިކޮށް ޕޯޓަލްއަށް ވަދެ ފޯމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމަށް ހުއްދަ ދިނުމުންނެވެ. މިފަދަ އެޕްލިކޭޝަންތަކުގައި ކޮންމެ މީހަކު ވެސް ގެދޮރުވެރިން ޕޯޓަލްއަށް ވަދެ "ބައިވެރިވާ ފަރާތްތަކުގެ އިގުރާރު" ގައިވާ "އާއެކޭ" ނުވަތަ "ނޫނެކޭ"ގެ ތެރެއިން ގޮތެއް ހިޔާރުކުރަން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ޕޯޓެލް މެދުވެރިކޮށް ކުރިން ފޯމު ހުށަހަޅާފައިވާ އެންމެންވެސް އެ މީހަކު ހުށަހަޅާފައިވާ ފޯމުގެ ސްޓޭޓަސްގައި އިނީ “ސަބްމިޓެޑް”ތޯ ޔަގީންކުރުމަށްވެސް މިނިސްޓްރީން އެދިފައިވެ އެވެ.

މާލޭގެ ރަށްވެހިންނަށް ދޫކުރަން މިސަރުކާރުން ނިންމާފައިވާ ގޯތިތަކާއި ފްލެޓްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ މިމަހުގެ 15 ވަނަ ދުވަހެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ މިދިޔަ ޖޫން މަހު ސަރުކާރުން ވަނީ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.