މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުން ޖެހޭ މިންވަރު މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ [އެޗްޕީއޭ] އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވާ ކަމަށާއި މިދިޔަ ސެޕްޓެމްބަރު މަހަށް ވުރެ މި މަހުގެ މިހާތަނަށް ޑެންގީ އުޅޭ ނިސްބަތް އިތުރުވެފައިވާ ކަމަށެވެ.
މި އަހަރަކީ ގިނައިން ވިއްސާރަކުރި އަހަރަކަށްވެފައި މިހާރުވެސް ވިއްސާރަ ކުރަމުންދާތީ މަދިރި އާލާވާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެޗްޕީއޭ އިން ބުނީ ޑެންގީ އަކީ ސާފު ފެނުގައި އުފެދޭ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށްވާތީ މިބަލިން ރައްކާތެރިވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މަދިރިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ހަށިގަނޑު ބޮޑަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން ބޭނުން ކުރުމާއި، ގިނަ ވަގުތު ގޭގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ބަންދުކޮށްފައި ބެހެއްޓުން ހިމެނެ އެވެ. ޑެންގޫ ފަތުރާ މަދިރި އާލާވުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރި އުފެދުން ކޮންޓްރޯލް ކުރެވޭނެ ކަމެކެވެ.
ގޭގައި ބޭނުން ކުރާ ފެން ހަރުލާ ތަކެތި ހަފްތާއަކު އެއްފަހަރު ސާފު ކުރުމާއި ފެނުގައި ގަސް ހައްދާނަމަ ހަފްތާއަކު އެއްފަހަރު ފެން ބަދަލުކުރުމާއި، ގޯތިތެރޭ ހުންނަ ގަސްމުށި ހުސް ތާންގި ފަދަ ފެން ހަރުލާ ތަކެތި ސާފުކޮށް ފެން ނޭޅޭނެހެން ބެހެއްޓުން އަދި އާންމު ތަންތަނަށް ހުސް ދަޅު އަދި ފުޅި ފަދަ ފެން ހަރުލާ ތަކެތި އުކާނުލުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅު ތަކެކެވެ.
ޑެންގީ ޖެހިގެން ހުން އައުމުގެ އިތުރުން އެހެނިހެން ނުރައްކާތަކާ ކުރިމަތިވާ ކަމަށް ފާހަގަކުރެވޭ ކަމުގައި އެޗްޕީއޭ އިން ބުނެ އެވެ. ހާއްސަކޮށް ކުޑަކުދިންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ ބައެއް މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޑެންގީގެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި ކުޑަކަމު ދެވޭ މިންވަރު މަދުވުން، މާބޮޑަށް ވަރުދެރަވުން، ތުއްތު ކުދިންނަށް ގާތުން ނުބޮވުން، ބަނޑުގައި ރިއްސުން، ގިނައިން ހޮޑު ލެވުން އަދި ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭއައުން ހިމެނެ އެވެ.
މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަނަމަ ލަސް ނުކޮށް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ދިއުން މުހިންމު ކަމުގައިވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.