ސިއްހަތު

ޑެންގީ އާއި ޗިކުންގުންޔާ ޖެހޭ މިންވަރު މައްޗަށް

މި ހަފުތާގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި މިންވަރު އަނެއްކާވެސް އިތުރު ވެއްޖެ އެވެ.

އެޗްޕީއޭ އިން ކޮންމެ އަންގާރަ ދުވަހަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ޖުމްލަ 2،207 ކޭސް ވަނީ ރިޕޯޓުކޮށްފައި ވެއެވެ. މިއީ މިދިޔަ ހަފުތާ އާއި ހަމައަށް ޑެންގީ ޖެހިގެން ރިޕޯޓުު ކުރި އަދަަދަށް ވުރެ 250 ގެ އިތުރު އަދަދެކެވެ.

މި މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހދ. އަތޮޅުން ނެވެ. އެ އަތޮޅުން ޑެންގީ ހުމުގެ 44 ކޭސް ރިޕޯޓު ކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ރިޕޯޓު ލިބިފައިވާ ރ. އަތޮޅުން 37 މީހަކަށް ވަނީ ޑެންގީ ހުން ޖެހުނެވެ.

މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓު ކުރި އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާ އާއި ހަމައަށް 846 ކޭސް ރިޕޯޓް ކޮށްފައިވާއިރު މި ހަފްތާގައި މި އަދަދު ވަނީ 1،064 އަށް އިތުރުވެފަ އެވެ.

ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެއިން ނެވެ. މާލެއިން ޗިކުންގުންޔާ ޖެހިގެން ވަނީ 377 ކޭސް ރިޕޯޓު ކޮށްފަ އެެވެ. އަތޮޅުތަކަށް ބަލާއިރު ގއ. އަތޮޅުން 291 ކޭސް ރިޕޯޓު ކޮށްފަވާއިރު ރ. އަތޮޅުން ވަނީ 197 ކޭސް ރިޕޯޓު ކޮށްފަ އެވެ.