ދަނޑުުވެރިންގެ ދުވަހާއި ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ދަނޑުވެރިކަމުގެ ވޯކްޝޮޕެއް ފަށައިފި އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދް ނާސިރު އެވެ.
ފެށުމުގެ ރަސްމިއްޔާތުގައި ނާސިރު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގައި ދިމާވާ އެކިއެކި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ދަނޑުވެރިކަމުގެ ދާއިރާ އިން ތައުލީމާއި ތަޖުރިބާ ލިބުން މުހިއްމު ކަމަށެވެ.
ގޭތެރެއިން ފަސޭހައިން ލިބެން ހުންނަ އެއްޗެހި ބޭނުންކޮށްގެން، ގަސްތަކަށް ޖެހޭ ތަފާތު ބަލިތަކަށް ފަރުވާ ކުރާނެ ގޮތްތައް ދަސްކުރުމުގެ އިތުރުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ލިބެން ހުރި ހިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
މިރަސްމިއްޔާތުގައި ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ކާށިދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަގިނައިން ތަމްރީނު ވޯކްޝޮޕްތައް ހިންގުމަކީ ކައުންސިލުން ހިތްވަރު ދޭ ކަމެއް ކަމަށެވެ.
ކަމާބެހޭ އެކިއެކި ވުޒާރާތަކުގެ މައުލޫމާތުތައްވެސް ފޯރުކޮށްދޭ މި ވޯކްޝޮޕްގައި ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ލިބެން ހުރި ހިދުމަތްތަކާއި ދަނޑުވެރިންނަށް ލިބޭ ހާއްސަ އެހީތަކުގެ މައުލޫމާތު ވެސް ހިއްސާ ކުރެ އެވެ.
ފިޝަރީޒް މިނިސްޓްރީ އާއި ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށް ގެންދާ ސަސްޓެއިނަބްލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެސްއެފްއާރްޑީޕީ)ގެ ދަށުން ދަނޑުވެރިކަމަށް އިންވެސްޓް ކުރުމުގެ އިތުރުން އިންވެސްޓް ކުރުމަށް ރާއްޖެއިން ލިބެން ހުރި ފުރުސަތުތައް ވެސް ދަނޑުވެރިންނާ ހިއްސާ ކުރެ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދަނޑުވެރިންގެ މަސައްކަތްތަކާއި ދަނޑުތަކަށް ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޔާދީ ތަކަފުލް އިން އެކުލަވާލާފައިވާ އިންޝުއަރެންސް ސްކީމާ ގުޅޭ މައުލޫމާތުތައްވެސް ދަނޑުވެރިންނަށް މި ވޯކްޝޮޕްގައި ހިއްސާކުރެ އެވެ.