އެމްއެންޑީއެފް

ކަނޑުދަތުރު ކުރާ މީހުން ސަމާލުވުމަށް އަންގައިފި

Oct 12, 2022

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާ ކަނޑުދަތުރުކުރާ މީހުން ސަމާލުވުމަށް ސިފައިންގެއިން އިލްތިމާސްކޮށްފި އެވެ.

ސިފައިންގެ މިރޭ އާންމުކުރި ބަޔާނެއް ބުނެފައިވަނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.

ކަނޑު ދަތުރުކުރާ މީހުން ދަތުރު ފެށުމުގެ ކުރިން ދަތުރުކުރަނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައި ކަން ޔަގީންކުރުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށް ސިފައިންގެ އެދިފައިވެ އެވެ.

ކަނޑުދަތުރުކުރަނިކޮށް އެއްވެސް ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސިފައިންގެ ކޯސްޓްގާޑަށް މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފައިވެ އެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބަލައި ރައްކާތެރި މަގެއް ހިޔާރުކޮށްގެން ނޫނީ ދަތުރު ނުކުރުމަށްވެސް އެދިފައިވެ އެވެ.

މެޓް އޮފީހުގެ އޮފީހުގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާރަ ކަމަށާއި މިސަރަހައްދުގައި އެއްވެސް ކަހަލަ ތޫފާނެއް މިވަގުތު އުފެދިފައި ނުވާ ކަމަށެވެ.