ކ. ތިލަފުށިން ތިން މީހުންނާއެކު ފުރި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ "އޭއޭއޭ-37" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.
އެ ދޯނި ގެއްލުނީ ކ. ތިލަފުށިން އިއްޔެ ހެނދުނު 6:00 ހާއިރު ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މައުލޫމާތު ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އިއްޔެ ހަވީރު 5:20 ހާއިރު ކަމަށެވެ.
އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޝިޕް ޝަހީދު އަލީ ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެ ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް ވަނީ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ޔެލޯ އެލާޓް ނެރެފަ އެވެ.
މި ސަރަހައްދުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.