ފުވައްމުލައް

ފުވައްމުލަކުގެ މަދަދުވެރިންގެ ޓީމާ ފަޒްނާ ބައްދަލުކުރައްވައިފި

Oct 12, 2022

އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފުވައްމުލައް ސިޓީގެ އިބަމަ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައްދަލުކުރައްވައިފި އެވެ.

އިބަމައަކީ މުޖުތަމައުގައި އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެ މީހުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކަމާ ގުޅޭ ފަރާތްތައް ގުޅިގެން ވަށާޖެހޭ ގޮތެއްގައި މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި އާއި ސިޓީތަކުގައި އެކުލަވާލާ މަދަދުވެރިންގެ ޓީމުތަކެކެވެ.

ފުވައްމުލައް ސިޓީގެ އިބަމަ މެންބަރުންނާ ރައީސްގެ އަނބިކަނބަލުން ފަޒްނާ ބައްދަލުކުރެއްވީ އެކަމަނާ މިއަދު ފުވައްމުލަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި އިބަމަ މެންބަރުން ވަނީ ފުވައްމުލައް ސިޓީގެ އިބަމަ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި އިބަމައިގެ މަސައްކަތްތައް ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށް ހުރި ދަތިތައް އޮޅުންފިލުއްވައިދެއްވާފަ އެވެ.

މެންބަރުންގެ ވާހަކައިގައި އިބަމައިގައި ހިމެނޭ އެންމެހާ މުއައްސަސާތަކުގެ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރެއްވި އެވެ. އަދި އިބަމަ އުފެއްދުމާއެކު މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކުރިން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ލިބި، އެފަދަ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ލިބި، މުއައްސަސާތައް ގުޅިގެން އަވަސް ހައްލު ގެނައުމަށް މަގުފަހިވެފައިވާ ކަމުގައިވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި އިބަމައިގެ މަސައްކަތްތަކުން އުއްމީދެއް ލިބިއްޖެ ކަމުގައި ވިދާޅުވި އެވެ. އަދި ވަކިވަކި އިދާރާތަކުން މީގެ ކުރިން ކުރަން ބޭނުންވެ ނުކުރެވި ހުރި އެތައް ކަމެއް އިބަމައިގެ ތެރެއިން އިދާރާތަކުގެ ގުޅުމުގެ ތެރެއިން ކުރެވިގެންދާތަން ފެނިވަޑައިގަަތުމުން އުފާކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންނާއި ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.