ފަޒްނާ އަހުމަދު

ރައީސްގެ އަނބިކަނބަލުން މާލެ ވަޑައިގެންފި

Oct 15, 2022
1

ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު ހެނދުނު މާލެވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މި ދަތުރުފުޅުގައި ޖެންޑާ މިނިސްޓްރީ، ޕެންޝަން އޮފީސް، ދިވެހި ފުލުހުންގެ ހިދުމަތް އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މެޑަމް ފަޒްނާ ބުދަ ދުވަހުގެރޭ ފުވައްމުލައް އިބަމަ މެންބަރުންނާ ބައްދަލުކުރައްވާ، އިބަމައިގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދެވި އެވެ. އަދި ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ބޭއްވި ހަފްލާ އެކަމަނާ ޝަރަފުވެރި ކޮށްދެއްވި އެވެ.

މެޑަމް ފަޒްނާގެ ދަތުރުފުޅުގައި ހުކުރު ދުވަހު ވަނީ ފުވައްމުލަކުގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ ދެ އިސްރައްވެހިންގެ ގެއަށް ޒިޔާރަތް ކުރައްވާ އެބޭފުޅުންގެ ހާލު ބައްލަވާފަ އެވެ. އަދި އެ ދުވަހު ހަވީރު އެކަމަނާ ވަނީ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކު" އަދި އާއިލީ ހަވީރުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އދ.ގެ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑާ ޕާސަންސް އިން އަ ޗޭންޖިން ވޯލްޑް" އެވެ.