މިނިސްޓްރީ އޮފް ހެލްތު

ސިނގިރޭޓު ފޮށީގެ ފޮޓޯ އިންޒާރުގެ ނަތީޖާ ރަނގަޅު

ސިނގިރޭޓު ފޮށީގެ ބޭރުގައި ފޮޓޯ ޖެހި އިންޒާރު ޖެހުމުން އޭގެ ރަނގަޅު ނަތީޖާ ފެނިފައިވާ ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.

ވަކިން ސިނގިރޭޓު ވިއްކުން މަނާކޮށް ސިނގިރޭޓު ފޮށީގެ ބޭރުގައި ފޮޓޯ ޖެހި އިންޒާރާ ނުލައި ސިނގިރޭޓު ވިއްކުން މަނާކުރީ މޭ 31، 2019 ގައެވެ.

ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ "ކޮމްޕެންޑިއަމް އޮފް ހެލްތު ރީސާޗް އިން މޯލްޑިވްސް 2018 – 2021" ގައި ވަނީ ސިނގިރޭޓު ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުން އައި ބަދަލުތައް ދެނެގަނެފަ އެވެ.

މި ދިރާސާގައި ސުވާލުކޮށްފައިވަނީ ހޮވާލެވުނު ފަސް ކޮލެޖެއްގެ 371 ދަރިވަރުންނާ އެވެ.

ދިރާސާގައި ބައިވެރިކޮށްފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ ކޮލެޖު ދަރިވަރުންނެވެ. މީގެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނުކުރާ މީހުންވެސް ހިމެނެ އެވެ.

ސިނގިރޭޓުން ލިބޭ ގެއްލުންތައް 91 އިންސައްތަ ދަރިވަރުންނަށް ރަނގަޅަށް އެނގޭއިރު ދިރާސާގައި ބައިވެރިވި 58.7 އިންސައްތަ ދަރިވަރުން ބުނެފައިވަނީ ލިޔެފައިވާ އިންޒާރަކަށްވުރެ ފޮޓޯ އިންޒާރުގެ އަސަރު ބޮޑަށް ކުރާ ކަމަށެވެ.

ފޮޓޯ އިންޒާރު ހުރުމުން ސިނގިރޭޓުން ސިއްހަތަށް ލިބޭ ގެއްލުންތަކާމެދު ކަންބޮޑުވާ ކަމަށް 46 އިންސައްތަ ދަރިވަރުން ވަނީ ބުނެފަ އެވެ. ފޮޓޯ އިންޒާރު ހުރުމުން ދުންފަތުގެ އިސްތިއުމާލުކުރާ 21 އިންސައްތަ ދަރިވަރުން ވަނީ އެކަން ހުއްޓާލުމަށް މަސައްކަތްކޮށްފަ އެވެ.

ފޮޓޯ އިންޒާރު ނެތް ސިނގިރޭޓް ފޮށި ފިހާރަތަކުން ވިއްކާ ކަމަށް ދިރާސާގައި ބައިވެރިވި 13 އިންސައްތަ ދަރިވަރުން ބުނެފައިވެ އެވެ. މިއީ ހެލްތު މިނިސްޓްރީން އިތުރަށް ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމެެއް ކަމަށްވެސް ބައެއް ދަރިވަރުން ދެކެ އެވެ.