ރާއްޖެއަށް ނާދެވި ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ގައުމަށް ގެނައުމަށްޓަކައި އުޒްބަކިސްތާނުގެ ތަޖުރިބާއާއި އުސޫލުތައް ދެނެގަތުމަށްޓަކައި މަޝްވަރާތަކެއް ކޮށްފި އެވެ.
މަޝްވަރާތައް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިހާރު އުޒްބެކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ ގައުމުގެ ހޯމް މިނިސްޓްރީއަށް ވަޑައިގެން ހޯމް މިނިސްޓަރު ޕުލާޓް ބޮބޮޖޮނޮވްއާ އެކު އެވެ.
މި ބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ދެފަރާތުގެ މަސްލަހަތު ހުރި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން އެކި މައްސަލަތަކުގައި ރާއްޖެއިން ބޭރުގައި ހައްޔަރުކުރެވޭ ދިވެހިން އަނބުރާ ރާއްޖެ ގެނެސް އެ މީހުން ރިހިބިލިޓޭޓްކުރުމަށްޓަކައި، އުޒްބެކިސްތާނުން މިފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމާ ގުޅިގެން ހައްޔަރުކުރެވިފައިވާތީ އާއި ތަފާތު އެކި ކަހަލަ ކުށްތަކުގައި ބަންދުވެފައި ތިބެންޖެހުމާ ގުޅިގެން ބައެއް ދިވެހިން ގައުމަށް އަނބުރާ އާދެވޭނެ ގޮތެއް ނެތިފައި ތާށިވެފައި އެބަތިއްބެވެ.
އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ މިއަހަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިވަގުތު ސީރިއާގެ ކޭމްޕްތަކުގައި 50 އަށް ވުރެ ގިނަ ދިވެހި ރައްޔިތުން ރަނގަޅަށް ކާބޯތަކެތި ނުލިބި ދިރިއުޅެމުން އެބަދެ އެވެ.
މިނިސްޓަރު އިމްރާން އުޒްބެކިސްތާނަށް ކުރައްވަނީ ރަސްމީ ދަތުރުފުޅަކަށްވީ ނަމަވެސް މިދަތުރުފުޅުގެ ތަފްސީލް މައުލޫމާތުތަކެއް އެ މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.