މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް އިތުރު ކުރުމުން އަންނަ އަހަރު 3.14 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފި އެވެ.
ސަރުކާރުން މިހާރު ވަނީ ޖެނެރަލް ޖީއެސްޓީ ހަ އިންސައްތަ އިން އަށް އިންސަައްތައަށް އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ [ޓީޖީއެސްޓީ] 12 އިންސައްތަ އިން 16 އިންސައްތައަށް ބޮޑުކުރަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައި ބުނެފައިވަނީ ޖެނެރަލް ޖީއެސްޓީ އަށް އިންސައްތައިގައި ނަގާނަމަ އާމްދަނީ 974.6 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށެވެ. ޓީޖީއެސްޓީ 16 އިންސައްތައިގައި ނެގުމުން އާމްދަނީ 2.16 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަންދާޒާކޮށްފަ އެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުގައި ޖެނެރަލް ޖީއެސްޓީ އިން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 2.87 ބިލިއަން ރުފިޔާ އެވެ. ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އިން 4.82 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ޖީއެސްޓީ އިތުރުކުރުމުން 2024 - 2027 އަށް އާމްދަނީ އިތުރުވާ ގޮތް
- 2024 - ޖީއެސްޓީ 1.15 ބިލިއަން ރުފިޔާ، ޓީޖީއެސްޓީ 2.60 ބިލިއަން ރުފިޔާ
- 2025 - ޖީއެސްޓީ 1.22 ބިލިއަން ރުފިޔާ، ޓީޖީއެސްޓީ 2.85 ބިލިއަން ރުފިޔާ
- 2026 - ޖީއެސްޓީ 1.30 ބިލިއަން ރުފިޔާ، ޓީޖީއެސްޓީ 3.08 ބިލިއަން ރުފިޔާ
- 2027 - ޖީއެސްޓީ 1.40 ބިލިއަން ރުފިޔާ، ޓީޖީއެސްޓީ 3.32 ބިލިއަން ރުފިޔާ
ޖީއެސްޓީ އިތުރުކުރުމުގެ އިތުރުން އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބައެއް ކަންކަން ވަނީ ހުށަހަޅާފަ އެވެ. މީގެތެރޭގައި ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް އާއި ޓޫރިޒަމަށް ބިން ދޫކުރުމާއި ރިޔަލް އެސްޓޭޓް ޓޫރިޒަމް އަދި ބިން ވިއްކުން ހިމެނެ އެވެ. ބޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމުގެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ޓޫރިޒަމަށް ބިން ދޫކުރުމުގެ ބިޑް މަރުހަލާ ނިމިފައިވާއިރު ރިޔަލް އެސްޓޭޓް ޓޫރިޒަމްގެ އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތް މޯލްޑިވްސް ފަންޑްސް މެނޭޖްމަންޓް ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.
ބިން ވިއްކުމާ ގުޅޭ ގޮތުން ބިމާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރަމުންދާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދައުލަތުގެ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ 41 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.