މީރާ

ޖޫރިމަނާގެ ގޮތުގައި ޖެނުއަރީ މަހު ހަ މިލިއަން ރުފިޔާ

ޖޫރިމަނާގެ ގޮތުގައި މިއަހަރުގެ ފުރަތަމަ މަހު -- ޖެނުއަރީގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 6.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ ޖެނުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީއަށްވުރެ މިއަހަރުގެ ޖެނުއަރީގައި ޖޫރިމަނާއިން ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ޖޫރިމަނާގެ ގޮތުގައި މީރާއަށް 9.6 މިލިއަން ރުފިޔާ ލިބުނެވެ.

މީރާގެ ތަފާސްހިސާބުތައް އެހެން ދެއްކި ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކުރާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފެބްރުއަރީ ދެވަނަ ދުވަހުގެ ނިޔަލަށް މިއަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 10.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޖޫރިމަނާގެ ގޮތުގައި މިއަހަރު ދައުލަތަށް 82.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 252.1 މިލިއަން ރުފިޔާ ލިބުނުއިރު ޖޫރިމަނާކޮށްގެން އެ އަހަރު ހޯދޭނެ ކަމަށް އަންދާޒާކުރީ 62.4 މިލިއަން ރުފިޔާ އެވެ.