ލ. އަތޮޅުގެ ރަށްރަށުގެ ގޮނޑުދޮށާ ހަމައަށް ތަރައްގީ ދުވެލި ބީއްސަން ފެށި އިރު ވެސް ތަރައްގީގެ ހިލަމެއް ވެސް ނުވެ އެ އަޮތޮޅުގެ ގާދޫ އޮތެވެ. އެ ރަށަށް ހިލަން ވަމުން ދިޔައީ ރާއްޖޭގެ ކަނޑުފަޅުތަކުގައި ދިރިއުޅެމުން އައި ވެލާގެ އައިން ތަކެވެ. ތަރައްގީގައި އަތޮޅުގެ ރަށްތައް ކުރިޔަށް ދުވެލި އިރު 100 އެއްހާ މީހުން ދިރިއުޅޭ ގާދޫ އޮތީ "ވެލާގެ ދުވެލީ" ގައި ފިރުކޭށެވެ. ރަށުގެ ގޮނޑުދޮށަށް ތަރައްގީ ނޫބީއްސިއަސް ވެލާގެ އައިންތައް ދިޔައީ ގާދޫގެ ގޮނޑުދޮށަށް ބީއްސައި އެއީ ވެލާގެ ވަޒަން ކަން ސާބިތުކޮށްދެމުންނެވެ.
އެންމެ ފަހުން ގާދޫގެ ކުޑަ އާބާދީ ވަނީ އެރަށުން ހިޖުރަ ކުރަން ނިންމައި ރަށުން ފަބައިން ފަށާފަ އެވެ. ގާދޫގެ ކުޑަ އާބާދީ ގާދޫން ފައިބަނީ އެވެ. ވެލާގެ ބޮޑު އާބާދީ ގާދޫއަށް އަރަނީ އެވެ. ގާދޫ ވެލެއަށެވެ.
"އެހެން ރަށްރަށް ލިބެމުން އައި ތަރައްގީގެ އެއްވެސް ކުރިއެރުމެއް އަޅުގަނޑުމެނަކަށް ނެތް. ސަބަބަކީ އާބާދީ ކުޑަވުން. އެކަމަކު މީހުން ދިރިއުޅެމުން އައި އެއްވެސް ރަށެއްގައި ނެތް ތަރައްގީއެއް އަޅުގަނޑުމެންގެ ރަށުގައި އޮތީވެފައި. އެއީ ރާއްޖޭގައި މީހުން އުޅޭ އެއްވެސް ރަށެއް ނޯވޭ، ގާދޫ ފިޔަވައި ގަވައިދު ވެލާ އަރާ، އެހެންވީމާ އަޅުގަނޑުމެންގެ ކުޑަ އާބާދީ މިރަށް ދޫކޮށް ދިއުމުން ވެލަޔަށް ރަށް ހިބަވީ،" ގާދޫގެ ޒުވާނަކު ބުންޏެވެ.
ގާދޫގެ 100 އެއްހާ މީހުންގެ އާބާދީއަށް ވެސް ކިޔަވައިދޭނެ ސްކޫލެއް އެރަށުގައި ހުއްޓެވެ. އެ ސްކޫލުގައި ކިޔަވަނީ ވިއްސަކަށް ކުދިންނެވެ. ހެލްތް ޕޯސްޓެއް ވެސް ހުރެއެވެ. ހުސް ގޮޅިއެކެވެ. އެފަދަ ހާލެއްގައި ހުހަށް އޮތް ގާދޫގެ "ކުޑަ އާއިލާ" މިހާރު ވަނީ ފޮނަދޫއަށް ބަދަލުވާން ފަށާފަ އެވެ. އެމީހުން ހިޖުރަކޮށް ނިމޭނީ މާދާމާ އެވެ.
ގާދޫގެ އެހެން ޒުވާނަކު ބުނި ގޮތުގައި އަތޮޅުގެ އެހެން ރަށްރަށަށް ދިން ސަމާލުކަން ގާދޫއަށް ދެވުނު ނަމަ ގާދޫއަކީ ހިޖުރަ ކުރަންޖެހޭ ރަށެއް ނޫނެވެ.
"ރަށް ކުޑަވެފަ މީހުން މަދު ވިޔަސް ކުރި އެރޭނެ. އެކަމަކު އެއީ ބަޔަކު އެހީވެދީގެން، އެކަން ނުކޮށް އެހެން ހައްލުތަށް ހޯދަން އުޅުނީމަ ގާދޫ މީހުންގެ ދިރި އުޅުނު ފަސްގަނޑާއި ރަށުގެ އާދަކާދަތަށް ގެއްލުނީ،" އޭނާ ބުންޏެވެ.
ގާދޫ ހިޖުރަކޮށް ނިމޭންދާއިރު ބައެއް މީހުން ތިބީ އުފަލުންނެވެ. ބައެއް މީހުން ޝަކުވާއެއް ނެތެވެ. ބައެއް މީހުން ޝަކުވާކުރެ އެވެ. އެ އެންމެން ވެސް ގާދޫ އުފަން ވަޒަން، ގާދޫ ދެކެ ލޯބިވާ އަދި ފަހުރުވެރިވާ އެއް ކަމެއް އޮވެ އެވެ. އެއީ ޒަމާނުއްސުރެ ރާއްޖެއިން އެންމެ ގިނައިން ވެލާ އަރައި އެކަމުގައި މައްޝޫރުވެފައިވާ ރަށަކަށް ވާތީ އާއި ގާދޫގެ އާބާދީއަކ ވެލަށް "އަނިޔާ ނުކޮށް" ވެލާ އަރަން ރަށް ދޫކޮށްލައިގެން ތިބި ބަޔަކަށްވާތީ އެވެ.
"މި ޝަރަފު ގާދޫއަށް އޮވޭ، އެއީ ޒަމާނުއްސުރެއް ރަށުގައި އޮންނަ އާދަކާދައެއްގެ ތެރެއިން ވެލާ އާލާ ކުރުމާއި ހިމާޔަ ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެވުމުން އެންވީ، އަހަރެން ކަންބޮޑުވޭ އަހަރެމެން ފައިބައިގެން ދިއުމުން އެރަށަށް އަރާ ވެލާތައް ފުރޮޅައި ފަޅަން ފަށާފާނެތީ،" މިވަގުތު މާލޭގައި ހުރި ގާދޫގެ މީހަކު ބުންޏެވެ.
ގާނޫނުން ވެލާ ހިމާޔަތް ކުރަން ކަނޑައެޅުމުގެ އެތައް ސަތޭކަ އަހަރެއް ކުރިން ވެސް ގާދޫ ރައްޔިތުން އުޅުނީ ވެލާ ދެކެ ލޯބިން ވެލާތައް ހިމާޔަތްކޮށްގެނެވެ. އެހެންވެ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ވެލާގެ އާދަވެ އަރާ ރަށަކީ ގާދޫ އެވެ. ވެލާ ބިސް ނެގުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ދުވަސް ވަރު ގާދޫ ރައްޔިތުން ވެލާ ބިހުގެ ވިޔަފާރި ކުރި އެވެ. ނަމަވެސް ގާނޫނު އައުމުން ވެލާ ބިސް ވަޅުތައް ވެސް ދޫކޮށްލީ އެވެ.
"ކާބަފައިން ޒަމާނުއްސުރެއް ގާދޫގައި ވެލާ ހިފުމާއި އެސޮރުމެންނަށް ގޯނާ ކުރުން އެއީ ވަރަށް ބޮޑަށް މަނާ ކުރެވިފައިވާ ކަމެއް. ގާދޫއަށް އެންމެ ގިނައިން ވެލާ އަރާ ސަރަހައްދު އެއީ ދެކުނު ތުނޑިން ފެށިގެން ގޮސް ފޮނަދޫ ކުރިޔާ ހަމަޔަށް އޮންނަ ފަޅުތެރެ. އެސަރަހައްދުން ވެސް އެއްވެސް ގޮތަކަށް ވެލާ ނަގަން މަސައްކަތް ކުރުމަކީ މަނާ ކަމެއް. ނަމަވެސް އޭރު ވެލާ ބިސް ނަގާ. ރަށު ކަތީބުން އުސޫލެއްގެ މަތިން ރައްޔިތުންނަށް ވެލާ ބިސް ނެގުމުގެ ފުރުސަތު ދޭނެ. ގާދޫއަށް ކޮންމެ ރެއަކު ގާތް ގަނޑަކަށް 12 ނުވަތަ 14 ވަރަކަށް ވެލާ އަރާއިރު އެއިން ކޮންމެ ފަސް ވެލައަކުން އެއް ވެލާގެ ބިސް ނަގަނީ. ނުނަގައި ދޫކޮށްލާ ބިހުން ގާތް ގަނޑަކަށް 200 އެއްހާ ކުދި ވެލާ ގާދޫ އިން ފައިބާނެ. ނަގާ ބިސްތައް އަޅުގަނޑުމެން ގާދޫ އޮފީހަށް ގެންދަނީ. ގެންދާ މީހާއަށް ވަކި ވަރަކަށް ބިސް ހިލޭ ލިބޭ. އެނޫން ބިސްތައް ނީލަން ކިޔުމަށް ފަހު ރައްޔިތުންނަށް ވިއްކައި ރަށު ރައްޔިތުންގެ ބަޖެޓަށް ލަނީ" ގާދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ފަރުހާދު ވިދާޅުވި އެވެ.
ވެލާ ބިހުގެ ވިޔަފާރިކޮށްގެން އެއް ކުރި ފައިސާއިން 1985 ވަނަ އަހަރު ގާދޫ ރައްޔިތުން އެންމެ ފުރަތަމަ އަލަށް ކަރަންޓު އުފައްދަން 15 ކިލޯ ވޯލްޓުގެ ޖަނަރޭޓަރެއް ވެސް ގަތެވެ. އެއީ އަބަދުވެސް ގާދޫ ރައްޔިތުން ދައްކާ ވާހަކައެކެވެ.
ގާދޫ އެންމެ ބޮޑު މަނާ ކަމަކީ ވެލައަށް ޖެއްސުން ކުރުމެވެ. ވެލާ ހިފުމެވެ. ވެލާ ހިމާތާތް ކުރަން ސަރުކާރުން ނިންމި ފަހުން ގާދޫ ވެގެން ދިޔައީ އިތުރަށް ވެލާ އަރާ އަދި ވެލައަށް އިތުރު ހިމާޔަތް ދޭ ރަށަކަށެވެ. ރަށުގެ ކުދި އަދި ބޮޑެތި މީހުން ވެސް ވެލާ އާލާކޮށް އެންމެ ގިނައިން ވެލާ އަރާ ރަށުގެ ޝަރަފު ހިފަހައްޓަން އަބަދުވެސް މަސައްކަތް ކުރި އެވެ.
"ވެލާ ސަރަހައްދުގައި އުފެދިފައި ހުންނާނެ ވަރަށް ބޮޑެތި ވަޅު ގަނޑު، ކޮންމެ މަހަކު އެއްފަހަރު އެތަން ތަނަށް ވެލި އަޅައި ފަސް ގަނޑު އެއްވަރުކޮށް އަތިރިމަތީގައި އޮންނަ ގަސް ކޮށައި ވެލަޔަށް ފަސޭހަވާނެ ހުރިހާ ކަމެއް ކުރާނެ ގާދޫ އެންމެން ވެގެން. މިފަދަ ސަބަބުތަކާއި ހުރެ ގާދޫ މީހުންނާއި ވެލަޔާއި އޮންނަނީ ވަރަށް ގާތް ގުޅުމެއް. ދުވާލު ގަޑީގައި ވެސް ވެލާތައް އަރާ ތިބޭނެ. ކުޑަ ކުދިން އެސަރަހައްދަށް ކުޅެން ދާނެ. ނަމަވެސް ވެލައަށް އުންދަގޫ ކުރުން ފަދަ ކަންން ކުރުމުގެ ބަދަލުގައި ވެލައެއް އެއްގަމަށް އަރައި އޮވެއްޖެ ނަމަ އެވެލާ ފުން ކުރުމުގަޔާއި ކަނޑަށް ދޫކޮށްލުމުގެ މަސައްކަތް ކުރާނެ އެއީ ގާދޫގެ އުފާވެރިކަން،" ފަރުހާދު ވިދާޅުވި އެވެ.
"ވެލާގެ ދުވެލީގައި" ތިބެވެން ނެތިގެން ތަރައްގީ އާ އުސްމިންތަކަށް ވާސިލްވާން ލޯބިވާ ރަށާއި އާބާދީއާއެކުވެ އޮތް ވެލާގެ އާބާދީ ދޫކޮށް ފޮނަދޫއަށް ބަދަލުވަނީ އެވެ. ވެލާގެ ހަނދާންތަކާ އެކުއެވެ. އެކުގައި އެތަކެއް ޒަމާންވީ ލާތަކާއި ރަށް ހަވާލުކޮށްފަ އެވެ.
"އަހަރެމެން ފައިބައިގެން ދިއުމުން ވެލާތަކަށް ވެގެންދާނެ ގޮތެއް ނޭނގޭ، ބަޔަކު ކޮންމެ ދުވަހަކު އަރައި ވެލާ ފަޅަން ފަށައިފިއްޔާ ވެލާތައް ގެއްލޭނެ އެކަމާ އަހަރެެމެން ވަރަށް ދެރަވޭ،"