އިންޑިއާގެ ޗެންނާއިގައި ދިރިއުޅޭ 20 އަހަރުގެ ޒުވާން އަންހެނެއްގެ ފަހަތުން އަޅުވާލައިގެން އުޅުނު މީހެއްގެ ހަމަލައަކުން އެ ޒުވާން އަންހެން މީހާ މަރުވުމުން ލިބުނު ހިތާމައިން އޭނާގެ ބައްޕަ މަރުވެއްޖެ އެވެ.
ސަތީޕްރިޔާ ނަމަކަށް ކިޔާ މި ޒުވާނާ މަރުވީ އޭނާގެ ފަހަތުން އަޅުވާލައިގެން އޭނާއަށް ފާރަލައި ދާހާ ތަނަކަށް ގޮސް އުޅުނު މީހަކު ރޭލެއް އައިސް އައިސް އޮއްވާ ރޭލު ދަގަނޑު މައްޗަށް އަންހެން މީހާ ކޮއްޕާލުމުން އޭގެ ދަށުވެގެންނެވެ.
މި ހަބަރު އަޑުއަހާފައި ސަތީޕްރިޔާގެ ބައްޕަ ހާޓް އެޓޭކެއް ޖެހިގެން ވަގުތުން ވެއްޓުނީ އެވެ. ޗެންނައިގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް 56 އަހަރުގެ މި ފިރިހެން މީހާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.
ރެއިލްވޭ ސްޓޭޝަނުގައި ވީ ކިހިނެއް؟
ސަތީޕްރިޔާ އަކީ ޖެއިން ކޮލެޖުގައި ޑިގްރީއަށް ކިޔަވަންމުން ދިޔަ ދަރިވަރެކެވެ. އޭނާ ކޮލެޖަށް ދާންވެގެން ރޭލުން ފައިބައިގެން ހިނގައިގަން ތަނާ ފިރިހެން މީހާ އައިސް އޭނާ ފަހަތުން އެ ދުވަހުވެސް އަޅުވާލީ އެވެ.
ސަތީޕްރިޔާ ހިތްހަމަނުޖެހިގެން އެމީހާ އާ ދިމާލަށް އެއްޗެތި ކިޔަން ފެށުމުން ދެ މީހުން އަރާރުން ވަމުން ގޮސް ކުއްލިއަކަށް ރޭލު އައިސް އައިސް އޮއްވާ އެމީހާ ރޭލު ދަގަނޑު މައްޗަށް ސަތީޕްރިޔާ ކޮއްޕާލުމުން އޭނާ ރޭލު ދަށުވީ އެވެ. އެ ވަގުތު އެތަނުގައި ގިނަ އަދަދެއްގެ ބަޔަކު މަންޒަރު ފެންނަ ހިސާބުގައި ތިއްބެވެ. ނަމަވެސް އެފަދަ ކަމެއް އެ ފިރިހެން މީހާ ކޮއްފާނެ ކަމަކަށް އެކަކު ވެސް ހީކޮށްފައި ނެތުމުން އެއްވެސް މީހަކަށް ސަތީޕްރިޔާ ސަލާމަތްކުރަން ފުރުސަތު ނުލިބުނީ އެވެ. އަދި އެ ސަތީޕްރިޔާ ކޮއްޕާލުމަށްފަހު ފިރިހެން މީހާ ވަނީ ދުވެ ފިލާފަ އެވެ. އޭނާ އަތުލަން އެތާ ތިބި މީހުން ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ.
ކޮއްޕާލުމުން ރޭލު ދަގަނޑު މައްޗަށް ވެއްޓި ސަތީޕްރިޔާ ރޭލު ދަށުވީ އެވެ. ސަތީޝް ނަމަކަށް ކިޔާ މި ފިރިހެން މީހާ އޭރު ސަތީޕްރިޔާ ފަހަތުން އަޅުވާލައިގެން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ.
ސަތީޕްރިޔާގެ މަންމަ އަކީ ޕޮލިސް ކޮންސްޓެބަލްއެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. ބައްޕަ އަކީ ވެސް ރިޓަޔަވެފައިވާ ފުލުހެކެވެ. އެ އާއިލާ ދިރިއުޅެނީ ވެސް ޕޮލިސް ކޮލޮނީގަ އެވެ.
ސަތީޕްރިޔާގެ މަރުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައި ހުރި ސަތީޝް، 23، އަކީ ގްރޭޑް 8 އިން ކަނޑާލާފައި ހުރި މީހެކެވެ. އަދި އޭނާ ސަތީޕްރިޔާގެ ފަހަތުން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެންމެ ފަހުން އޭނާގެ ކަންތައް މާމައްޗަށް ދާން ފެށުމުން ސަތީޕްރިޔާގެ އާއިލާއިން ވަނީ ސަތީޝްއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. އަދި ސަތީޝް ފުލުހަށް ހާޒިރުކޮށް ސަތީޕްރިޔާގެ ފަހަތުން ނޫޅެން އެއްބަސް ކުރުވާފައި ވެއެވެ. ނަމަވެސް މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވެސް ސަތީޝް، ސަތީޕްރިޔާގެ ފަހަތަކުން ނުނެއްޓެ އެވެ.
ސަތީޕްރިޔާ ރޭލު ދަށަށް ކޮށްޕާލުމަށްފަހު ފިލައިގެން އުޅެނިކޮށް ޗެންނައި ފުލުހުން މިދިޔަ ހުކުރު ދުވަހު ވަނީ ސަތީޝް ހައްޔަރުކޮށްފަ އެވެ.