އިންޑިއާގެ ދިއްލީގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޝްރަދާ ވޯކާގެ ކަނޑާލާފައިވާ ބޯ ކޯރެއްގެ ތެރެއިން ހޯދައިފި އެވެ.
މި ބޯ ހޯދުމަށް ފުލުހުން ވަނީ އެ ކޯރުގެ ފެން ޕަންޕްކޮށް ޑައިވަރުން ލައްވާ ކޯރުތެރެ އަތްފުނާ އަޅުވާފަ އެވެ.
ޝްރަދާ މަރާލާފައިވަނީ އޭނާއާ އެކު އެއް ގެއެއްގައި ދިރިއުޅުނު ލޯބިވެރިޔާ އާފްތާބް އަމީން ޕޫނާވާލާ އެވެ. އާފްތާބް މިހާރު ވަނީ ޝްރަދާ މަރާލިކަމަށް އެއްބަސްވެ މަރާލިގޮތް ކިޔައިދީފަ އެވެ.
ޝްރަދާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކުދިކުދިކޮށް ކޮށައި ފްރިޖެއް ގަނެ އޭގައި ރައްކާކޮށްގެން އެތައް މަހެއް ވަންދެން އާފްތާބް ވަނީ ގެންގުޅެފައި ވެއެވެ. އަދި ދޭތެރެއިން އޭގެން ބައިތަކެއް ގެންގޮސް ޖަންގަލީގެ އެކި ތަންތަނަށް އުކާފައި ވެއެވެ.
ވަލު ޖަނަވާރުތައް އައިސް އެ ބައިތައް ކައި ހުސްކުރާނެކަމުގެ އުންމީދުގަ އެވެ.
ޝްރަދާގެ ކަނޑާލާފައިވާ ބޯ އެއްލާލީ މި ކޯރަށް ކަމަށް އާފްތާބް ވަނީ ފުލުހުން ކައިރީ ބުނެފަ އެވެ. މި ކޯރު ތެރެ ފުލުހުން ބަލަން ފެށީ އާފްތާބް ބުނި ބުނުމުގެ މައްޗަށެވެ.
މި ކޯރަކީ މުޅި އެ ސަރަހައްދުގެ ގޭގެޔަށް ހޮޅިން ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ކޯރެކެވެ.
ޝްރަދާގެ ހަށިގަނޑުގެ ބައިތައް ހޯދުމަށް ކުރަމުންދާ މަސައްކަތުން ޖަންގަލީގެ އެކި ހިސާބުތަކުން ބައެއް ކަށިތައް ފެނިފައި ވެއެވެ. އަދި އެ ކަށިތަކަކީ ޝްރަދާގެ ކަށިތޯ ބެލުމަށް އޭނާގެ ބައްޕަގެ ޑީއެންއޭ ނަގައިން ޓެސްޓްކުރަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން އާދިއްތަ ދުވަހު ވަނީ އާފްތާބް ގޮވައިގެން އޭނާ އާއި ޝްރަދާ ދިރިއުޅުނު ފްލެޓަށް ގޮސް ޝްރަދާ މަރާލިގޮތް އާފްތާބް ލައްވާ ތަފްސީލުކޮށް އޮޅުން ފިލުވާފަ އެވެ. އާފްތާބް ބުނެފައިވާ ގޮތުގައި ޝްރަދާ މަރާލީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހު އެވެ.
އޭނާ މަރާލުމަށްފަހު ހަށިގަނޑު 35 ބުރިޔަށް ބުރިކޮށްފައި ވެއެވެ. އަދި އާ ފްރިޖެއް ގަނެ ކޮތަޅު ކޮތަޅުގައި އެކި ބައިތައް ފްރިޖްގައި ބަހައްޓާފައި ވެއެވެ.
ރޭގަނޑު ދަންވަރުގެ ވަގުތުގައި ކޮތަޅެއް ކޮނޑުގައި އަޅުވައިގެން އާފްތާބް ޖަންގައްޔާ ދިމާލަށް ހިނގާފައި ދަނިކޮށް އެހިސާބުގައި ހުރި ސީސީޓީވީ ކެމެރާތަކަށް އަރާފައި ވެއެވެ. ފުލުހުން ބުނެފައިވަނީ އެ ވީޑީއޯ އިން އެ ފެންނަނީ ޝްރަދާގެ ހަށިގަނޑުގެ ބައިތައް އުކަން ގެންދާ މަންޒަރު ކަމަށެވެ.
ޝްރަދާގެ މަންމަ ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މަރުވެފަ އެވެ. އޭނާގެ އާއިލާގައި ތިބެނީ ކޮއްކޮއަކާއި ބައްޕަ އެކަންޏެވެ.
އާފްތާބާއި ޝްރަދާގެ ގުޅުމަށް އޭނާގެ ބައްޕަ ނުރުހޭތީ އެ ރަށުގައި ވެސް ނުހުންނަން ވެގެން އާފްތާބާއެކު ޝްރަދާ ދިއްލީއަށް ދިރިއުޅުން ބަދަލުކޮށް ދެ މީހުން އެއްގޭގައި އުޅެން ފެށީ އެވެ.
އަދި ޝްރަދާ އާ އޭނާގެ އާއިލާގެ މީހުން ވާހަކަ ދައްކާ ނުޅޭތާ އެތައް އަހަރެއް ވެފައިވާތީ އޭނާ ގެއްލިގެން އެތައް ދުވަހެއް ވީއިރުވެސް އެމީހުން އޭނާގެ ޚަބަރެއް ހޯދަން ނޫޅެ ތިބީ އެވެ.
ޝްރަދާގެ ބައްޕައަށް އޭނާ ގެއްލިގެން އުޅޭކަން އެނގުނީ ޝްރަދާގެ އެކުވެރިޔަކު އޭނާގެ ކޮއްކޮއަށް ގުޅާފައި އެ ވާހަކަ ބުނުމުންނެވެ.
އެހިސާބުން ފުލުހުންނަށް މައްސަލަ ހުށަހަޅައި މައްސަލަ ބަލަން ފެށުމުން ޝްރަދާ މަރާލާފައިވާކަން ޔަގީންވީ އެވެ. އޭރު މިކަމެއް ކުރިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ. އެކި ދުވަސްމަތިން ޝްރަދާގެ ހަށިގަނޑުގެ ބައިތައް އުކާ ހުސްކޮށް އާފްތާބު ހުރީ ފްރިޖް ވެސް ވަރަށް ރަނގަޅަށް ދޮވެ ސާފުކޮށްފަ އެވެ.
ފުލުހުން އެންމެ ފުރަތަމަ އާފްތާބާ ސުވާލުކުރުމުން އޭނާ ބުނީ ޝްރަދާ ވީތަނެއް ނޭނގޭ ކަމަށެވެ. ދެ މީހުން ޒުވާބުކޮށްފައި ޝްރަދާ ގެއިން ނުކުމެގެން ދިޔަ ގޮތަށް އުޅޭ ތަނެއް ނޭނގޭ ކަމަށާއި އޭނާ ދިޔައިރު ދިޔައީ ހުރިހާ އެއްޗެއް ބަހައްޓާފައި ކަމަށެވެ.
ޝްރަދާ މަރާލާފައިވާ ކަމަކަށް އޭރަކު ފުލުހުންނަކަށް ވެސް ޝައްކެއް ނުކުރެވެ އެވެ. ނަމަވެސް އާފްތާބް ދިރިއުޅުނު ގެ ފާސްކުރިއރު ޝައްކު ކުރެވޭ ކަންތައް ތަކެއް ހުރުމުން ވަރަށް ސުވާލުކުރަން ފެށުމުން އެންމެ ފަހުން ޝްރަދާ މަރާލިކަމަށް އޭނާ އެއްބަސްވީ އެވެ.
ފުލުހުން ބުނި ގޮތުގައި ޝްރަދާ މަރާލާފައިވަނީ ކުއްލިއަކަށް އައި ގަދަ ރުޅީގަ އެވެ. ނަމަވެސް ހަށިގަނޑު ކުދިކޮށް އުކާފައިވަނީ ވަރަށް ރަނގަޅަށް ދުރާލާ ރާވައިގެންނެވެ.
ޝްރައްދާ މަރުވި ފަހުން އޭނާގެ އިންސްޓަގްރާމް އެކައުންޓާއި ބެންކް އެކައުންޓް ވެސް އާފްތާބް ބޭނުންކޮށްފައި ވެއެވެ.