މޯލްޑިވްސް ޕޮލިސް ސާވިސް

ލޯންޗުން ސަލާމަތްވި މީހާގެ މަސްތުވާތަކެތީގެ ރެކޯޑް

Oct 15, 2022

އއ. މާޅޮސް ކައިރިން ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ލޯންޗުން ސަލާމަތްވި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އޮފިސަރު ވިދާޅުވީ ލޯންޗުން ސަލާމަތްވި އަލީ އަހުމަދަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތްވި އަލީ އަހުމަދު ފެނުނީ އއ. ފެރިދޫ ފުއްޓަރު ކައިރިން ނެވެ.

ލޯންޗުގެ ދަތުރާއި މަސްތުވާތަކެއްޗާއި ގުޅުމެއް އޮތްތޯ ތަހުގީގު ކުރަމުންދާކަން ހާމަކޮށް ފުލުހުން ބުނީ ބަންޑުން ޖަހާލި ލޯންޗުގައި މަސްތުވާތަކެތި ނެތް ކަމަށެވެ.

އެ ލޯންޗުގެ ދަތުރާއި ބެހޭ ގޮތުން ފުލުހުންނަށް ލިބެމުން އަންނަނީ ސައްހަ މައުލޫމާތުކަމާއި މެދު ޝައްކު އުފެދޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ލޯންޗު ނިކުމެ އުޅުނީ މަސްވެރިކަން ކުރުމަށް ކަމަށް ލިބޭ މައުލޫމާތާއި މެދު ޝައްކު އުފެދެނީ ލޯންޗުގައި ގިނަ އަދަދެއްގެ ތެޔޮ ހުރުމުން ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ލޯންޗް ބަންޑުން ޖަހާލައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހު ހަތް ވަނަ ދުވަހު އެވެ. ދެ މީހުން ދަތުރުކުރަމުން ދިޔަ މި ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ ފެނިފައި ވަނީ އއ. މާޅޮސް ކައިރިން ނެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނީ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު (28 އ) އެވެ. މިންހާޖު ހޯދުމަށް ވަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަން ހުއްޓާލި ނަމަވެސް ހާދިސާއާ ގުޅޭ މައުލޫމާތު އެއްކުރަމުންދާ ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.