ދިވެހި މީޑިއާ

11 އަހަރު ފަހުން މީޑިއާތަކަށް އާ އަހްލާގީ މިންގަނޑެއް

ދިވެހި މީޑިއާތަކުން އަމަލުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑު" އިފްތިތާހުކޮށް މީޑިއާތަކުން ސޮއިކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިކަމަށްޓަކައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި 60 އަށް ވުރެ ގިނަ ނޫހުން ބައިވެރިވެފައިވެ އެވެ.

ހަބަރާއި މައުލޫމާތު ހޯދައި އަދި ފެތުރުމުގައި ހަރަކާތްތެރިވާ އެންމެހާ ބޭފުޅުން މި އަހްލާގީ މިންގަނޑަށް ތަބާވެ އަދި މި މިންގަނޑަށް އަހުލުވެރިވެ މި މިންގަޑާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެ އެވެ.

އަހްލާގީ މިންގަނޑުގައިވާ ހަމަތައް:

  • - އިސްލާމް ދީނާއި ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.
  • - އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހްތިރާމް ކުރުން.
  • - އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކުރުމާއި އިޖުތިމާއީ އަހްލާގު ހިފެހެއްޓުން.
  • - ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެ ކަންކަމުން އެއްކިބާވުން.
  • - ނޫސްވެރިކަމުގެ ހަމަތައް ހިފަހެއްޓުމާ އެކު އެއްވެސް ބިރަކަށް ޖެހިލުންނުވުން.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަފާއު ހަސަން ވިދާޅުވީ އާ މިންގަނޑު އެކުލަވާލުމަށް ނޫސްތަކުގެ ފަރާތުންނާއި މި ދާއިރާގެ ޖަމިއްޔާތަކުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ.

"އަޅުގަނޑުމެންގެ ޒިންމާތައް އަޅުގަނޑުމެންނަށް ފުރިހަމައަށް އަދާކުރެވޭނީ އެންމެން ވެސް ވަކި އަހުލާގީ މިންގަނޑެއްގެ ތެރޭގައި ތިބެގެން" ޝަފާއު ވިދާޅުވި އެވެ. އަދި ހުރިހާ ނޫސް މީޑިއާތަކުން ވެސް މި މިންގަނޑާއި އެއްގޮތަށް އަމަލުކުރުމަށް ޝަފާއު ވަނީ އެދިވަޑައިގެންފަ އެެވެ.

ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑު އެމްއެމްސީން މީގެކުރިން އެކުލަވާލީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.