ރައީސް އަބްދުﷲ ޔާމީން

ދެވަނަ ދައުރެއް ލިބުމުން އަސްލު ވަގުން ހޯދާނަން: ޔާމީން

ވެރިކަމުގައި ތިބި ބަޔަކު ބުނެ އާދޭސްކޮށްގެން ރައްޔިތުން އަޅުވެތިކޮށްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހއ. އިހަވަންދޫގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން މިރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އާއި ހާރިޖީ ވަޒީރަށް އަމިއްލަ އިހުތިޔާރުގައި އެއްވެސް ކަމެއް ނުކުރެއްވޭ ކަމަށެވެ.

"މިއަދުގެ ރައީސް އާއި ހާރިޖީ ވަޒީރަށް ރައްޔިތުންގެ ކުރިމަތީގައި މިއަށް ޖަދަލުކުރައްވާ. އެ ބޭފުޅުން އަމިއްލަ އިހުތިޔާރުގައި އެއްވެސް ކަމެއް ކުރެއްވޭތޯ؟ ޖަދަލު ކުރައްވަ ބައްލަވާ ރައްޔިތުން ކައިރީ ތެދު ބަހުން ވާހަކަ ދައްކަވަ ބައްލަވާ. ނުކުރެއްވޭނެ އެއްކަމެއްވެސް. އެއްކަމެއްވެސް ނުކުރެއްވޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެ އާއި ދުނިޔޭގެ ތާރީހުގައި ގައުމުތައް އަޅުވެތިވެފައިވަނީ އެ ބަޔަކާ ދޭތެރޭ ނަފުތަރެއް ހަސަދަވެރިކަމެއް ނުވަތަ އިގުތިސާދީ މަންފާއެއް ހޯދުމަށްޓަކައި އެއަށްވުރެ ބާރުގަދަ ބަޔަކު އައިސް ވެރިވެގަންނަން ފުރުސަތު ދިނުމުން ކަމަށް ވިދާޅުވި އެވެ

ރައީސް ޔާމީން ވިދާޅުވީ މިއަދު ހަނގުރާމައެއް ނުކުރާ ކަމަށާއި ނަމަވެސް ދިވެހި ގައުމު އަޅުވެތިވެފައިވާ ކަމަށެވެ.

"މިހާރު އޮތް ސަރުކާރަށް ]2023 ގައި[ ވޯޓުލައިގެން ދިވެހި ރައްޔިތުން އެ ސަރުކާރު އަނެއްކާވެސް ދަމަހައްޓައިފި ކަމަށް ވަންޏާ ހަނިމާދޫން، ހަނިމާދޫ ރައްޔިތުން ބާލާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެތަނަކީ އިންޑިއާގެ ތަނެއް ކަމަށާއި އެތަނުން ހަނިމާދޫ ރައްޔިތުންނަށް ޖާގައެއް ދެން ނުލިބޭނެ ކަމަށެވެ.

"އިންޑިއާ އައުޓް" ވާހަކަ ނުދެއްކެންވީ ކީއްވެތޯ ސުވާލު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ އެންމެ ނަފުރަތުކުރަނީ އެމަނިކުފާނު ކަމަށެވެ. އިންޑިއާ މީހުންނަށް މިތަނުގައި ނުތިބެވޭނެ ކަމަށާއި އިންޑިއާ ޖެހޭނީ ބޭރުވާން ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މިފަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ބޭނުމަކީ ހަގީގީ ވަގުންނަކީ ކޮބައިކަން ހާމަކުރަން ކަމުގައިވެސް ވިދާޅުވި އެވެ.

ބޮޑެތި ވަގުން ތިބީ އެމްޑީޕީ ސަރުކާރުގައި ކަމަށް ތުހުމަތު ކުރައްވާ ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ ބޮޑެތި މަންފާ ނެގީ އެމްޑީޕީގެ މަޖިލިސް މެންބަރުން ކަމަށެވެ.

ސަރުކާރު ބަދަލުވެއްޖެނަމަ ވަގުންނާއި ކޮރަޕްޝަން ހިންގި މީހުން ހާމަކުރަން ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ އަދުލުވެރިކަމާއެކު ހުކުމެއް ކޮށްފިނަމަ އެމަނިކުފާނު ގަބޫލުކުރައްވާނެ ކަމަށެވެ.