ސޯޝަލް މީޑިއާ އަކީ ދެމިޔަލީ ކަނޑިއެކެވެ. އެއްކޮޅުން އިންތިހާއަށް ތައުރީފާއި ސަނާ ކިޔާ މީހުންނާ ދިމާވާއިރަށް އެވަރަށް މަލާމާތްކޮށް ފުރައްސާރަ ކުރާ މީހުންނާ ވެސް ބައްދަލުވާނެ އެވެ. މިގޮތަށް މަލާމާތްކުރާ މީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނަފްސާނީ ގޮތުން އުނދަގޫތައް ކުރިމަތިވާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ މީހުން ދެން ހަދާ ގޮތަކީ މުޅި އުމުރަށް ނުވަތަ ދުވަސްކޮޅަކަށް ސޯޝަލް މީޑީއާ އެކައުންޓްތައް ފޮހެލައި އެ މީޑީއާއަށް އަލްވަދާއު ކިޔަނީ އެވެ.
އެގޮތުން އެންމެ ފަހުން ސޯޝަލް މީޑިއާއާ ދުރަށް ދިޔަ އެކަކީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ.
ކަރަން ވަނީ ޓުވިޓާގައި އޭނާ ފޮލޯކުރާ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް އަލްވަދާއު ކިޔާފަ އެވެ. އެއީ ޕޮޒިޓީވް އެނާޖީއަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް ކަރަން ބުނެފައި ވެއެވެ.
ޑިޖިޓަލް ވިހައިން މީހާގެ ހަށިގަނޑާއި ނަފްސު މުޅިން ސާފުކޮށްލުމަށް ޑިޖިޓަލް ދުނިޔެއާ ދުރަށް ދިޔައީ ހަމައެކަނި ކަރަން އެއް ނޫނެވެ. އާމިރު ޚާން، ސޮނާކްޝީ ސިންހާ، ރަންބީރު ކަޕޫރު ފަދަ ތަރިންވެސް ވަނީ އެމީހުންގެ ސޯޝަލް މީޑީއާ އެކައުންޓްތައް ޑިއެކްޓިވޭޓްކޮށްފަ އެވެ.
ކަރަން ޖޯހަރް ސޯޝަލް މީޑިއާއާ ދުރަށް ދިއުމުން ވަރަށް ގިނަ ބަޔަކު އެކަމާ ހިތާމަކޮށް ވެސް މެސެޖުތައް ޝެއާ ކޮށްފައި ވެއެވެ.
ޚާއްސަކޮށް ކަރަންގެ ބޮލީވުޑް އެކުވެރިންނެވެ. ސަބަބަކީ ކަރަން އަކީ ވަރަށް ހެއްވާ މަޖާ ވާހަކަތައް އަބަދުވެސް ޝެއާ ކުރާ މީހަކަށް ވާތީ އެވެ. ނަމަވެސް މިފަހަކަށް އައިސް ކަރަންއަށް އަމާޒުކޮށް ހަނގާކުރުމުގެ ކަންތައްތަކެއް ވަރަށް ގަދައަށް ޓުވިޓާ އާއި އިންސްޓަގްރާމްގައި ކުރިއަށް ދިޔަ އެވެ. އަދި ކަރަން އަށް އެކަމުގެ ސަބަބުން ފުން އަސަރުތަކެއް ކުރިކަމަށް އޭނާ ބުނެފައި ވެއެވެ.