ޖޭއެސްސީ

ގާޒީ ރަފީއުއްދީންގެ މައްސަލައެއް އަނެއްކާވެސް ބަލަނީ

Oct 16, 2022

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ ސުލޫކީ މައްސަލައެއް އަނެއްކާ ވެސް ބަލަން ފަށައިފި އެވެ.

ގާޒީ ރަފީއުއްދީންއާ ގުޅޭގޮތުން މިފަހަރު ބަލަމުންދާ މައްސަލަ އަކީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގައި ހުލާސާ ބަޔާން އިއްވުމަށްފަހު ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ހުކުމް ކުރާ މަޖިލިސް ބާއްވާފައި ނުވާތީ ބަލަމުންދާ މައްސަލަ އެކެވެ.

ގާނޫނުގައިވާ ގޮތުން މައްސަލައެއްގައި ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރާ މަޖިލިސް ބާއްވަންޖެހެ އެވެ.

ގާޒީ ރަފީއުއްދީންއާ ގުޅޭ މިމައްސަލަ ބެލުމަށް މިމަހުގެ ފަސްވަނަ ދުވަހު ޖޭއެސްސީން ވަނީ ތަހުގީގު ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން މީހަކު ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން އަމުރެއް ނެރެފައި ވަނިކޮށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަރާތުން ގާޒީ ރަފީއުއްދީން ވަނީ މިދިޔަ ފެބްރުއަރީ 20 ވަނަ ދުވަހު ހައިކޯޓު އަމުރު ސަސްޕެންޑްކޮށް ތުހުމަތުކުރެވޭ މީހާ ދޫކޮށްލުމަށް އަމުރު ކުރައްވާފަ އެވެ.

ގާޒީ ރަފީއުއްދީންއާ ގުޅޭ މިމައްސަލަ ވެސް ޖޭއެސްސީން ބަލަމުންދާ ކަމަށް ކުރިން ބުނެފައިވެ އެވެ. ނަމަވެސް މިމައްސަލަ ނިންމި ކަމަކަށް އެ ކޮމިޝަނުން އަދި ބުނެފައެއް ނުވެ އެވެ.