ވިޔަފާރި

ރާއްޖެ ބައިވެރިވާ އޭއައިއައިބީ ބޭންކް ހުޅުވައި މަސައްކަތް ފަށައިފި

  • ބޭންކުން ދޭ ފުރަތަމަ ލޯނު މިއަހަރު މެދުތެރޭ ދޫކުރާނެ
  • ޗައިނާ އިން އިތުރު 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ
  • ރާއްޖެއަކީ އެ ބޭންކްގެ އެއް ފައުންޑާ މެންބަރު

ޗައިނާ އިސްވެ އޮވެގެން އޭޝިޔާގެ ގިނަ ގައުމުތައް ގުޅިގެން ގާއިމް ގާއިމުކުރާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއިއައިބީ) ރަސްމީކޮށް ހުޅުވައި އޮޕަރޭޝަންތައް ފަށައިގެންފި އެވެ. ރާއްޖެއަކީ މި ބޭންކްގެ ފައުންޑާ މެންބަރު ގައުމެކެވެ.

އޭއައިއައިބީ ބޭންކަކީ، އޭޝިއާގެ ގައުމުތަކުގެ ގުޅުން ރަނގަޅުކޮށް ސަރަހައްދީ އެހެން ބޭންކް ތަކާއި ގުޅިގެން، އޭޝިއާގެ ގައުމުތަކުގެ އިގްތިސާދީ އަދި އުމްރާނީ ތަރައްގީއަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސްނެންގެވުމުގެ ދަށުން އުފެއްދި ބޭންކެކެވެ. އަދި މިއީ އައިއެމްއެފް އާއި ވޯލްޑް ބޭންކް ފަދަ ބޭންކްތަކާ ވާދަޔަށް ޗައިނާއިން ހުޅުވި ބޭންކެކެވެ.

ބޭންކް ރަސްމީކޮށް އިފުތިތާހުކޮށްފައިވަނީ، މިހާރު ޗައިނާގައި ކުރިއަށްދާ އެ ބޭންކްގެ ފުރަތަމަ ޑިރެކްޓަރުންގެ ބައްދަލުވުމުގަ އެވެ. ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލައްވަނީ ދިވެހި ސަރުކާރުން އޭއައިއައިބީއަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރު އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އޭއައައިބީ އުފެދިގެން ދާއިރު، ބޭންކު ފަށަނީ 50 ބިލިއަން ޑޮލަރުގެ ކެޕިޓަލަކާއިއެކުގައެވެ. އަދި މިހާރުވެސް މި ބޭންކުގެ މެންބަރު ގައުމުތަކަށް ލޯނު ދޫކުރުމުގެ ގޮތުން ޕްރޮޕޯސަލްތައް ބަލައި ގަންނަން ވަނީ ފަށާފަ އެވެ. ބޭންކް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާއިން ވަނީ މި އަހަރުގެ މެދު ތެރޭގައި ފުރަތަމަ ލޯން ދޫކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ރާއްޖޭގެ ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކްގެ ފުރިހަމަ މެންބަރަކަށް ރާއްޖެ ވުމަށްޓަކައި، ކަމާބެހޭ ގާނޫނެއް އެކުލަވާލުމުގެ މަގުސަދުގައާއި، އެ ބޭންކްގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެ އިން އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް ގާނޫނެއް ފާސްކޮށް ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

އޭއިއައިބީ ގެ ފައުންޑާ މެންބަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެހުމުން ތަރައްގީގެ މަޝްރޫއުތަކަށް މިހާރަށް ވުރެ ފައިސާހައިން ލޯނު ލިބޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. "މީގެ އެއް އެޑްވާންޓޭންޖަކީ. މި ބޭންކުގެ ފެސިލިޓީއަކަށް އަޅުގަނޑުމެން ރިކުއެސްޓްކުރާއިރު ޕްރޮޕޯސަލެއް ހުށަހަޅަންވީ މީގެ ކޮންމެ މަޝްރޫއަކަށް ވެސް. މި ބޭންކުގެ ސަބަބުން ދިވެހި ކުންފުންޏަކަށް އިންޑިއާގެ ޕްރޮޖެކްޓަކަށް ވެސް ކުރިމަތިލެވޭ. އޭރުން އެ ކުންފުންޏަކީ ގާބިލް ކުންފުންޏެއް ނަމަ ފައިނޭންސް ކޮށްދޭނެ،" ސަރުކާރުން ބުނެފައިވެއެވެ.

އޭއައިއައިބީގެ މައި އޮފީސް ޗައިނާގެ ވެރިރަށް ބެއިޖިންގައި ގާއިމްކޮށްފައިވާއިރު މި ބޭންކްގައި 57 ގައުމު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިިން 19 ގައުމަކީ އޭޝިއާގެ ގައުމުތަކެވެ. އެ ބޭންކަށް ޗައިނާ އިން އިތުރު 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވަނީ ބެންކް ހުޅުވުމުގެ ހަފްލާގައި ވިދާޅުވެފަ އެވެ.