ޑރ. ހުސައިން ރަޝީދު ހަސަން

ހުޅިދޫ އެއްބަސްވުން ބާތިލެއް ނުވޭ: މިނިސްޓަރު

Oct 16, 2022
1

ވ. ހުޅިދޫގެ އެއްބަސްވުން ބާތިލް ނުވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ހުޅުދޫ ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ އެ ރަށް ވ. އަތޮޅު ކައުންސިލާ ހަވާލުކުރުމަށް އެ ކައުންސިލުންނާއި ވ. އަތޮޅުގެ ބައެއް ރައްޔިތުން ސަރުކާރަށް ގޮވާލަމުންދާ ވަގުތެއްގަ އެވެ.

ހުޅުދޫގެ އެއްބަސްވުމުގެ މައްސަލައިގައި މިނިސްޓަރު ހުސައިން މިއަދު 'އަވަސް' އަށް ވިދާޅުވީ ހުޅުދޫ ކުއްޔަށް ދޫކޮށްފައިވާ ފަރާތާއެކު އެ މިނިސްޓްރީން ހަދާފައިވާ އެއްބަސްވުން އެގޮތުގައި އެބައޮތް ކަމަށެވެ. އެއްބަސްވުން ބާތިލްކުރަންޖެހޭ ހާލަތެއް މިވަގުތު ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް ދަންނަވަން އެ އެއްބަސްވުން ދެމިއޮތް ކަމަށް. އެ އެއްބަސްވުމެއް ގޮތެއް ނިންމާނަމަ އެކަން ކުރަންޖެހޭ ފަރާތަކީ މިނިސްޓްރީ،" ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރަން މިވަގުތު ކާށިދޫގައި ހުންނަވައިގެން ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

. އަތޮޅު ކައުންސިލުން އަވަސްއާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެގްރިކަލްޗާ މިނިސްޓްރީން ހުޅިދޫ ކުއްޔަށް ދޫކޮށްފައިވަނީ އާރަށް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އަދި އެ ރަށް ކުއްޔަށް ދިން މުއްދަތު މިހާރު ހަމަވެފައިވާ ކަމަަށްވެސް ވ. އަތޮޅު ކައުންސިލުން ބުނެ އެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނާ ގޮތުގައި އެރަށް ކުއްޔަށް ދީފައިވަނީ 21 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތު އަދި ހަމަނުވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު އަލީ އިއްޔެ އަވަސް އަށް ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހުޅިދޫއަށް ބޮޑެތި ގެއްލުންތަކެއްދީ އެ ރަށް ހަލާކުކޮށްލާފައިވާ ކަމަށެވެ.

"މުއްދަތު ހަމަވެގެން ބެލިއިރު އެ ކުންފުނިން އެރަށަށް ގަނޫނާ ހިލާފު އެތައް ގެއްލުންތަކެއް ވަނީ ދީފައި. މި ރަށް އެބޭފުޅުންނާ ހަވާލުކުރިއިރު އޮންނާނެ ބޮޑު ކަނޑޫފަލެއް، މިހާރު އެތަނަށް ފަސްއަޅާ މުޅިން ހަލާކު ކޮށްލާފަ އޮތީ،" ސުޖާއު ވިދާޅުވި އެވެ.

ހުޅިދޫ، ވ. އަތޮޅު ކައުންސިލާ ހަވާލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ސުޖާއު އިތުރަށް ވިދާޅުވީ ތިމާވެއްޓާ ބެހޭ ގާނޫނާއި ހިލާފަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ހުޅިދޫގައި ޖެޓީއެއް ހަދައި ދެ ނެރެއްވެސް ކަނޑާފައިވާ ކަމަށެވެ. އަދި 60 ފޫޓުގެ ބޮޑު ބާޖެއް ފަރުމައްޗަށް ދޫކޮށްލާފައިވާއިރު، ހުޅުދޫގައި ދަނޑުވެރިކަމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަށް ގެނޮސްފައި ނެތް ކަމަށެވެ. ހުޅިދޫއަށް އެވަރުގެ ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އާއި ސަރުކާރުގެ އެހެނިހެން މުއައްސަސާ ތަކުން ފިޔަވަޅު އަޅާފައި ނުވާތީ ސުޖާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"މިއީ ރާއްޖޭގެ ތިމާވެއްޓަށާއި މި އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިމުންދާ ގެއްލުމެއް. ހިފުން މަނާކޮށްފައި ހުންނަ ދޫނި ހިފީމަ އެ ދޫނިތައް ދޫކޮށްލައި ރައްކާތެރިކުރަން ގޮވާލާ ގޮތަށް ހުޅިދޫއަށް ލިބިފައި މިހިރަ ގެއްލުންތަކުގެ ވާހަކަ ނުދައްކަންވީ ކީއްވެ؟" ދައުލަތުގެ އިދާރާތަކުގެ އަމަލުތަކާ މެދު ސުވާލު އުފައްދަވަމުން ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް ފިޔަވަޅު އެޅުމުގެ މަސައްކަތް ވ. އަތޮޅު ކައުންސިލުން އަބަދުވެސް ކުރަމުންދާ ކަަމަށެވެ.

"ހުޅިދޫ ތަރައްގީ ކުރުމަށް އާރަށް އިންވެސްޓެމެންޓާ ހަވާލުކުރެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެ. މިހާރު އެ ރަށުގަ އެއްވެސް މަސައްކަތެއް ކޮށް އެރަށުގައި ތިބުމުގެ ރަސްމީ ހައިސިއްޔަތެއް އެ ކުންފުންޏަކަށް ނެތް،" ސުޖާއު ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން ހުޅިދޫ އަނބުރައި ވ. އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ގޮވައިލައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށް ކަމަށްވާ ތިނަދޫ، ފުލިދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދޫގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އާންމުން ވަނީ މިމަހުގެ އަށްވަނަ ދުވަހު ލޯންޗާއި ދޯނިފަހަރުގައި ކަނޑުމައްޗަށް ނުކުމެ މުޒާހަރާ ކޮށްފަ އެވެ. އަދި ވ. އަތޮޅު ކައުންސިލްގެ ރައީސް ހިމެނޭ ގޮތަށް ބަޔަކު ހުޅިދޫ އަށް ވެސް އެރި އެވެ. އެ މީހުން އެރަށުން ބޭލީ ފުލުހުން ގޮސްގެންނެވެ.