ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

5،000 ރުށް ރާއްޖެ ގެނެސްފި

Apr 6, 2023
1

ރާއްޖެއިން ކާށި ލިބުން ދަތިވާތީ އެކަމަށް ހައްލެއް ގެނައުމަށް 5،000 ރުށް ރާއްޖެ ގެނެސްފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރީ ރާއްޖޭގެ ރުށްތަކަށް ޖެހިފައިވާ ބަލިތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރުށްތަކަށް ބައްޔެއް ޖެހިފައިވާތީ ކުރުނބާ އަދި ކާށި ލިބުން ދަތިވެފައިވާ އެ މައްސަލަ ހައްލުކުރުމަށް 5،000 ރުށް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

"މިރުށްތައް މިވަގުތު ހުރީ އަޅުގަނޑުމެންގެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީނުކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިރުށްތައް އެކި ރަށްތަކަށް ބަހާލުމަށް ނިންމާފައިވާއިރު ރުށްތައް ބަހާލުމުގެ ކުރިން އެއްވެސް ބައްޔެއް ހުރިތޯ ބަލާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެ އެވެ.

ޑރ. ހުސައިން ވިދާޅުވީ ރުށްގަހަށް ޖެހޭ ބަލިތައް ދެނެގަނެ އެ ބަލިތައް ނައްތާލުމަށް ކުރަންޖެހޭ ކަންކަމުގައި އާންމު ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ދިވެހިން ބޭނުންވާ މިންވަރަށް ރާއްޖެއިން ކާށި ނުލިބި އަބަދު ރާއްޖެއަށް ކާށި އެތެރެކުރަންޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ރުށްތަކަށް ޖެހިފައިވަނީ ސޫޓީމޯލްޑް ކިޔާ ބައްޔެއް ކަމަށް ތަޖުރިބާކާރު ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.