ޑރ. މުހައްމަދު މުއިއްޒު

ހައިކޯޓުގައި ވެސް މުއިއްޒުއަށް ނާކާމިޔާބު

Oct 16, 2022
1

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް [ނޫމަޑި]ގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ނާކާމިޔާބުވުމުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލަ އެ ކޯޓުން ވެސް ބަލައެއް ނުގަތެވެ.

މުއިއްޒު ހުށަހެޅި އިސްތިއުނާފްގައި ވަނީ އާބިޓްރޭޝަނަށް ބަޔާންދިނީ ކޮން ތަނެއްގައި ހުރެކަން އޭނާއަށް ކުރާ ދައުވާގައި ބުނެފައި ނެތުމަކީ ދައުވާ ފުރިހަމަ ނުވާ ކަމެއް ކަމަށް ބުނެ އޭނާ ހުށަހަޅާ ނުކުތާ އެވެ.

ހައިކޯޓަށް މިދިޔަ ހަފްތާގެ ތެރޭގައި ހުށަހެޅި މައްސަލަ ނިންމާ ކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ މުއިއްޒު އިސްތިއުނާފް ކުރާ މައްސަލަ އަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަކަށް ވާތީ އެކަމުގައި ނިންމާ ގޮތްތަކާ މެދު ޝަރީއަތުގެ މަރުހަލާތައް ފެށުމުން ވާހަކަ ދެއްކޭނެ ކަމަށެވެ. އެހެންވެ ހައިކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ނޫމަޑިއާ އެކު ސޮއިކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލި ކަމަށް ބުނެ ދައުލަތުން ބަދަލު ހޯދުމަށް ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ދެ މައްސަލައެއް ހުށަހެޅި އެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކުރަނީ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ބަޔާން ދިން ކަމަށް ބުނެ އެވެ.

އާބިޓްރޭޝަނަށް ހުށަހެޅި އެއް މައްސަލަ އަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ 20، 2011 ގައި ސޮއި ކޮށްފައިވާ އެއްބަސްވުން ބާތިލު ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން މެއި 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ.

ނޫމަޑީގެ އެއްބަސްވުންތައް ބާތިލްކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެވެ.

މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑިއަށް 55 މިލިއަން ޑޮލަރު ގާތްގަނޑަށް 849 މިލިޔަން ރުފިޔާދީ އެ މައްސަލަ ހައްލުކޮށްފަ އެވެ.