ގަތަރުގައި އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕްގެ މީޑިއާނެޓްގެ ކަވަރޭޖް ޓައިޓަލް ޕާޓްނަރުގެ ގޮތުގައި އުރީދޫ މޯލްޑިވްސް ސޮއިކޮށްފި އެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލްހަމާދީ އާއި އެ ކުންފުނީގެ ސީސީއޯ ހުސައިން ނިޔާޒެވެ. މީޑިއާނެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އަހްމަދު ޝަފީއު އާއި އަދި ސީސީއޯ އަހްމަދު ނަބާހް އެވެ.
ފީފާ ވޯލްޑް ކަޕްގެ މެޗުތައް ރައްޖޭގައި ދެއްކުމުގެ ބްރޯޑްކާސްޓިން ރައިޓްސް މީޑިއާނެޓުން ގަނެފައިވާއިރު މި މެޗުތައް ދައްކާނީ ރާއްޖެ ޓީވީ އާއި އައިސް ޕްލަސް އިންނެވެ. އެހެންވެ ސޮއިކުރުމުގެ މިރަސްމިއްޔާތުގައި އައިސް ޕްލަސް އަދި ރާއްޖެ ޓީވީ ބޭފުޅުން ވެސް ސޮއިކުރައްވާފައިވެ އެވެ.
މިރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު ވިދާޅުވީ ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއްކަން އެނގޭ ކަމަށެވެ. ފުޓްބޯޅަ އަކީ އުރީދޫ ގްރޫޕާ ވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅިވަރެއް ކަމުގައިވެސް ވިދާޅުވި އެވެ.
"މި އަހަރުގެ ވޯލްޑްކަޕަށް އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓާއި މިއަދު މި ޕާޓްނާޝިޕް ގާއިމުކުރީ ނުހަނު އުފަލާއެކު،" ހާލިދު ވިދާޅުވި އެވެ.
މީޑިއާނެޓްގެ ސީސީއޯ ނަބާހް ވިދާޅުވި ގޮތުގައި މިއަހަރުގެ ވޯލްޑްކަޕަކީ ހަމައެކަނި ސައްތައިން ސައްތަ ދިވެހި ޗެނަލްތަކަކުން ރާއްޖޭގެ ތާރީހުގައިވެސް ފެނިގެންދާނެ ފުރަތަމަ ފަހަރު ކަމަށެވެ.
"މިގޮތުން މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ފެނިގެންދާނީ އައިސް ޕްލަސް އަދި ރާއްޖެ ޓީވީއިންނެވެ. އަދި މި މުނާސަބަތުގައި އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓަށްވެސް ލިބިގެންދާ ޝަރަފެކެވެ." ނަބާހް ވިދާޅުވި އެވެ.