ބޮލީވުޑް

ރިތިކް ތަލަވާ ކަމަށް ބުނެ މަލާމާތްކުރުމުން ފޭނުން ރަތަށް

ރިތިކް ރޯޝަންގެ ބޮލުން އިސްތަށިތައް ގޮސްފައިވާ ތަންތަން ފެންނަ ވީޑިއޯ އަކާއެކު ކުރީގެ އެކްޓަރު އަދި ފިލްމު ކްރިޓިކެއް ކަމަށްވާ ކަމާލް އާރް ޚާން ކުރި ޓުވިޓަކުން ރިތިކްގެ ފޭނުން ރުޅިގަދަވެއްޖެ އެވެ.

ރިތިކްގެ މި ވީޑީއޯ އަކީ ދާދިފަހުން އޭނާ ދިޔަ އޭނާގެ މޭކަޕް އާޓިސްޓެއްގެ ކައިވެނީގެ ހަފުލާއަކަށް ވަންނަނިކޮށް ނަގާފައިވާ ވީޑީއޯ އެކެވެ.

ވީޑިއޯގައި ރިތިކްގެ ބޮލުގެ ފަހަތް ފެންނައިރު އިސްތަށި ގޮސްފައި ހުރި ބައެއް ތަންތަންގަނޑު ފެންނަން ހުއްޓެވެ. އެހެންވެ ވަގުތުގެ ބޭނުން ހިފައި ކަމާލް ޚާން ރިތިކް އަށް މަލާމާތް ކޮށްލީ އެވެ.

"ރިތިކް އެހެރީ ހެއާ ޕެޗް އަޅަން ހަނދާން ނެތިފައި،" ކަމާލްގެ ޓުވީޓުގައި ވެއެވެ.

މި ޓުވީޓާއެކު ރިތިކްގެ ފޭނުންތައް ވަނީ ކަމާލް ޚާން އާ ދިމާކޮށްލާފަ އެވެ. އަދި ގިނަ ބަޔަކު ކަމާލް ޚާނަށް ހަނދާންކޮށްދިނީ ރިތިކްގެ ސިކުނޑީގެ އޮޕަރޭޝަނެއް މީގެ އެތައް އަހަރެއް ކުރިން ކުރި ކަމެވެ. އަދި ސާޖަރީއަށްފަހު އެތަންތަނުން އިސްތަށި ނުފަޅާ ހުރީ ކަމަށެވެ. އަދި ކަމާލް ޚާން ކަހަލަ އާދައިގެ އެކްޓަރަކު އެގޮތަށް މަލާމާތްކުރުން ބަލައިނުގަނެވޭނެ ކަމަށް ފޭނުންގެ ކޮމެންޓުތަކުގައި ވެއެވެ.

ބޮލުގެ އިސްތަށިތައް ތުނިވިޔަސް އަދި ތަލަވިޔަސް ރިތިކް އަދިވެސް އެހެން އެންމެންނަށް ވުރެ މާ ރީތި ކަމަށް އެހެން ފޭނަކު ލިޔެފައި ވެއެވެ.

"ބޭންގް ބޭންގް"ގެ ޝޫޓިންގައި ރިތިކްގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑީގެ ނާރެއްގައި ލޭކޮޅެއް އިނދެގެން 2013 ގައި ސިކުނޑީގެ ސާޖަރީއެއް ރިތިކް ހަދާފައި ވެއެވެ.