ދުނިޔެ

ތެހެރާން ޖަލުގައި ރޯވި އަލިފާނުގައި 61 މީހަކު ޒަހަމްވެ ހަތަރު މަރު

އީރާންގެ ވެރިރަށް ތެހެރާންގައި ސިޔާސީ ކުށްވެރިން -- ސަރުކާރަށް ފާޑުކިޔާ މީހުންނާއި ނޫސްވެރިން ބަންދުކޮށްގެން ގެންގުޅޭ އަވީން ޖަލުގައި ހޮނިހިރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި 61 މީހަކު ޒަހަމްވެ ހަތަރު މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

އެހެން ނަމަވެސް، މިހާ ގިނަ މީހުންނަށް އަނިޔާ ލިބުނު ސަބަބެއް އިދާރާތަކުން ބަޔާނެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލިފާން ރޯވުމުގެ ކުރިން ޖަލުތެރެއިން ބަޑީގެ އަޑު ނުވަތަ އެފަދަ އެއްޗެއް ގޮއްވާލި އަޑު އިވުނެވެ. ސޯޝަލްމީޑިއާއަށް ލީކުވެފައި ހުރި ވީޑިއޯ މަންޒަރުތަކުން ފެންނަނީ ޖަލު ތެރެއިން ބޯދުން އަރާ މަންޒަރެވެ.

ސެކިއުރިޓީންނާއި ސިއްހީ އޮފިޝަލުން ގުޅިގެން މީހުން ސަލާމަތްކުރުމުގެ ތެރޭގައި މަރުވި ހަތަރު މީހުންނަކީ އަލިފާނުގެ ސަބަބުން ނުވަތަ ސެކިއުރިޓީންް ދިން ރައްދު ހަމަލާގައި މަރުވި މީހުން ކަމެއްވެސް ނޭނގެ އެވެ.

ސިއްހީ އޮފިޝަލުން ޚަބަރަށް މައުލޫމާތު ދެމުން ބުނީ އެކިވަރުގެ އަނިޔާ 61 މީހަކަށް ލިބިފައިވާ ކަމަށާއި މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނީ 10 މީހަކަށް ކަމަށެވެ.

ނޫސްތަކުގައި ހުރި ހަބަރުތަކަށް ބަލާއިރު، އީރާންގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް ޖަލު ތެރެއިން ބަޔަކު ނުކުންނަން ބޭނުންވީ އެވެ. އެއްޗެއް ގޮއްވާލި ކަމަށް ބެލެވޭ އަޑަކީ ހަގީގަތުގައި ތަނެއް ފަޅާލަން ދިން ހަމަލާއަށް ވެދާނެ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

އީރާންގެ ޚަބަރުތައް ބުނާ ގޮތުން ހަމަނުޖެހުން ފުރަތަ އުފެދުނީ ޖަލުގައި ތިބި މީހުންގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގަ އެވެ. އަލިފާން ރޯވީ ވެސް މިކަމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ކަމަށްވެސް އިދާރާތަކުން ބުނެ އެވެ.

ސެކިއުރިޓީން ބުނާ ގޮތުން ޖަލުގައި ހާޖާނު ހެދުމަށްފަހު ބަޔަކު ނުކުންނަ ކުރި މަސައްކަތުގައި ހިފާ ހައްޔަރުކުރުމުގެ ތެރޭގައި ގިނަ ބަޔަކަށް އަނިޔާވީ އެވެ.

އީރާންގައި މިހާރު ހިނގާ ހަމަނުޖެހުންތައް ފެށުނު ސަބަބަކީ އާންމުންގެ ތެރޭގައި ހެދުންއަޅަން އޮންނަ އުސޫލާ ޚިލާފުވުމުގެ ސަބަބުން އޮކްޓޯބަރު 13 ގައި ހައްޔަރުކުރި މަހްސާ އަމީނީ ނަމަކަށް ކިޔާ 22 އަހަރުގެ އަންހެނަކު ފުލުހުންގެ އިހުމާލުން މަރުވުމެވެ.

މި މައްސަލާގައި މުޅި އީރާން އެކަތިގަނޑަކަށްވެ އާންމު މަގުތަކަށް ނުކުމެ ފެށި ހަމަނުޖެހުންތައް މިހާރު އޮތީ ސަރުކާރު ވައްޓާލަން ދިމާކޮށްފަ އެވެ. މުޒާހަރާކުރާ މީހުންނަށް އެމެރިކާ އާއި ޔޫރަޕުން ދަނީ މަދަދުވެރި ވަމުންނެވެ.