ރައީސް އަބްދުﷲ ޔާމީން

ކާބޯތަކެތި ލިބޭތީ އިންޑިއާއަށް އަޅުވެތިވާކަށް ނުޖެހޭ: ޔާމީން

އިންޑިއާއިން ރާއްޖެއަށް ކާބޯތަކެތި ލިބޭތީ އެ ގައުމުގެ ކުރިމަތީގައި އަޅުވެތިވާން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހއ. ކެލާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިންޑިއާއިން ފިޔާ އާއި އަލުވި ލިބޭތީ ކުޑަކަކޫ މައްޗަށް ތިރިވާން ނުޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވަޒީރުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ފިޔާ އާއި އަލުވީގެ ވާހަކަ ދައްކާފައި ދިވެހިންގެ އިސްތިގުލާލާ ނިސްބަތް ކުރުމަކީ ހުތުރު ކަމެއް ކަމަށެވެ.

އިންޑިއާއިން އިމްޕޯޓްކުރާ ތަކެތި ދުނިޔޭގެ އެހެން ދިމަދިމާލުންވެސް ހޯދޭނެ ކަމަށާއި ދިވެހިން ތިބީ އެކަން ނުކުރެވޭ ވަރުގެ ނާގާބިލު ހާލަތެއްގައި ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ އެއްގޮތަކަށް ވެސް އެހެން ދިމާލުން ކަންކަން ނުކުރެވޭވަރުގެ ނާގާބިލު ހާލަތެއްގައެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރުން މަސްވެރިކަމަށް ގަސްތުގައި އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ އެކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރަށެއްގައި ހުރި އައިސްޕްލާންޓް ހަލާކުވެފައި ހުރި ކަން ނުވަތަ އެ ރަށުގައި އައިސްޕްލާންޓް ނުބަހައްޓާކަންވެސް ފިޝަރީޒް މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވި އެވެ.