ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން 71 މިލިން މީހުން ހާލުގައި ޖެހޭނެ ކަމަށް އދ.ގެ ޑިވެލޮޕްމަންޓް ފަންޑް (ޔޫއެންޑީޕީ) އިން ލަފާކޮށްފި އެވެ.
ދުނިޔޭގެ އާބާދީއަށް ކާންދޭން ބޭނުންވާ ވަރަށް ގޮވާމާއި ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް އާންމުން އަތްފޯރާ ފަށަށް އަދި އަތްފޯރާވަރުގައި ފޯރުކޮށްދެވިދާނެ ކަމަށް މެދު ޝައްކު ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.
ޔުކްރޭން ހަނގުރާމާގެ ސަބަބުން ހާލުގައި ޖެހެނީ ހަމައެކަނި ކާބޯތަކެތި ނުލިބިގެން ނޫން ކަމަށްވެސް ޔޫއެންޑީޕީގެ ބަޔާނުގައި ވެއެވެ.
ދަތުރުފަތުރު ކުރުމަށާއި ގަދަފިނިން ރައްކާތެރިވުމަށް ބޭނުންވާ ހަކަތަ ލިބުމަށް ބުރޫއަރައި މަގު ބަންދުވުމަކީ ވެސް ހާލުގައި ޖެހުން ކަމަށް ވަނީ ބުނެފަ އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމަ ފެބްރުއަރީ 24 ގައި ފެށި ފަހުން ފާއިތުވި ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 51 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށްވެސް ޔޫއެންޑީޕީން ބުނެ އެވެ.
ކާބޯތަކެއްޗާއި ހަކަތައިގެ ކޮންމެވެސް ވަރެއް ސަޕްލައި ކުރެވުނު ނަމަވެސް، އެންމެ ބޮޑު މައްސަލަ އަކީ ތަކެތީގެ އަގުބޮޑުވުން ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.
ހަނގުރާމައިގެ ސަބަބުން މަސައްކަތްތެރިންނަށް ވެސް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. މަސައްކަތް ކުރެވޭނެ ގޮތެއް ނެތި ސިނާއީ ބައެއް މަރުކަޒުތައް ބަންދުކުރަން ޖެހުމަކީވެސް އާމްދަނީ ލިބުމަށް އެޅުނު ހުރަހެއް ކަމަށް ބުނެފައިވެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އަރައި ނުގަނެވިގެން އުޅެނިކޮށް ކުރިމަތިވި ހަނގުރާމައިގެ ސަބަބުން ހައްތަހާ ނިކަމެތިން އިތުރުވީ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑްގެ ސަބަބުން 163 މިލިން މީހުން ހާލުގައި ޖެހިފައިފާ ވެސް ޔޫއެންޑީޕީން ބުނެ އެވެ.
ދުނިޔޭގެ މާލީ އިދާރާތަކުން ދެކޭ ގޮތުގައި ހަނގުރާމާއާ ހެދި ހާލުގައި ޖެހޭ މީހުން އަދިވެސް ވާނީ އިތުރެވެ. އެ ގޮތުން އެ އަދަދު 75-95 މިލިއަނަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ތަކެތީގެ އަގުތަކަށް އަދިވެސް ދެމެހެއްޓެނިވި ލުޔެއް ނެތްއިރު ކުރިއަށް އޮތް ތަނުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށްވެސް އަންދާޒާކޮށްފައިވެ އެވެ. ޔޫއެންޑީޕީން ބުނީ އެއީ ވެސް ހާލުގައި ޖެހުން އިތުރުވާނެ ސަބަބެއް ކަމަށެވެ.