އޭސީސީ

އޭސީސީގެ ކޮންފަރެންސް މިއަހަރު ހާއްސަކުރަނީ ކުންފުނިތަކަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހާތްތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން "އެންޓި-ކޮރަޕްޝަން ކޮންފަރެންސް" މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މިކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ގުޅުން ހުރި މުއައްސަސާތައް އެއް ތަނަކުން ބައްދަލުވެ ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތަކާއި މެދު މަޝްވަރާ ކުރުމެވެ.

މީގެ އިތުރުން ކުންފުނިތަކާ ގުޅޭގޮތުން ހުރި ގާނޫނާއި ގަވައިދުތައް ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ކޮންފަރެންސްގައި މަޝްވަރާކުރާނެ އެވެ.

ކުންފުނިތައް ޖަވާބުދާރީ ކުރެވޭނެ އުސޫލުތަކެއް ގާއިމުކުރުމާއި، ކުންފުނި ތަކުގައި ހުރި ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށް ކުރެވޭނެ ކަންކަމާއި، ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުމާއި ރޭވުން އަދި މައުލޫމާތު ސިއްރުކުރުމުގެ ސަގާފަތް ދޫކޮށްލުމާ ބެހޭ ގޮތުންވެސް ކޮންފަރެންސްގައި މަޝްވަރާކުރާނެ އެވެ.

އެންޓި-ކޮރަޕްޝަން ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 އަދި 31 ވަނަ ދުވަހު އެވެ.

އޭސީސީއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ބާއްވާ މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަން [އީ.ޔޫ]ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.