އެމެރިކާގެ މީހެއް ކަމަށްވާ ނޯމާ ރޮޖާސް އަކީ އޮންކޮލޮޖީ ނަރުހެކެވެ. އޭނާ އާއި އޭނާގެ އެކުވެރިޔަކު އާ އަހަރު ފާހަގަކުރަން ލަސް ވެގަސް އިން ނިއު ޖާޒީއަށް ދިއުމަށް ޔުނައިޓެޑް އެއާލައިންސްގެ މަތިންދާބޯޓަކަށް އެރި އެވެ.
އެ ފްލައިޓްގައި ނޯމާ އިށީނީ ކުޑަ ދޮރުކައިރީގައި ހުރި ސީޓުގަ އެވެ. އޭނާގެ އެކުވެރިޔާ އަށް އިންނަން ޖެހުނީ އެ ބަރީގައި ހުރި ތިން ގޮނޑީގެ ތެރެއިން މަގަށްވާ ގޮތަށް ހުރި ގޮނޑީގަ އެވެ. މެދުގައި އިން ގޮނޑީގައި އިނީ އެމީހުން ނުދަންނަ އަންހެނެކެވެ.
ފްލައިޓް ނައްޓާ ނުލައި އުޅެނިކޮށް ނޯމާ އާއި އޭނާގެ އެކުވެރިޔާ އާ ދެމެދު އިން މީހާ ޝަކުވާތައް ކުރަން ފެށި އެވެ. އަދި ނޯމާ އާއި އޭނާގެ ފިރިހެން އެކުވެރިޔާއާ ދިމާލަށް ފާޑުފާޑުގެ އެއްޗެތި ކިޔަން ފެށި އެވެ.
ފޯނުން މީހަކާ ވާހަކަ ދައްކަމުން އެ އަންހެން މީހާ ބުނަމުން ދިޔައީ އޭނާގެ ދެ ފަރާތުގައި ތިބި ދެ މީހުން ފަލަކަމުން އޭނާއަށް ކޮޅަކުން ކުރެ ކޮޅަކަށް ގުޑާނުލެވިފައި އިން ކަމަށެވެ. އަދި ރީއްޗަށް އިށީނދެވެސް ނުލެވޭ ކަމަށެވެ. އަދި އޭނާއަށް ނޭވާ ވެސް ނުލެވޭ ކަމަށާއި ފިތޭކަމުގެ އިހްސާސް ކުރެވޭ ކަމަށް ވެސް އެ އަންހެން މީހާ ފޯނުން ވާހަކަ ދައްކަމުން ބުނަމުން ދިޔަ އެވެ.
"މަ މީނދީ ތާށީވެފައި. އެކަމަކު މި ދެ މީހުން ތިބީމަ އަހަންނަށް ފިންޏެއް ނުވާނެތާ،" އެމީހާ ބުނި ކަމަށް ވެއެވެ.
އަންހެން މީހާ ގޮވި ހުރިހާ އެއްޗެއް ނޯމާ އިނީ ފޯނުން ރެކޯޑް ކޮށްގެންނެވެ. އަދި ފްލައިޓް އެޓެންޑެންޓަކަށް ގޮވާފައި އެ އަންހެން މީހާއަށް އެހެން ސީޓެއް ހޯދައިދޭން އެދުނެވެ. އަދި އެމީހާ އެ ގޮވާއެއްޗެތި އިތުރަށް އަޑު އަހަން ބޭނުންނުވާ ކަމަށްވެސް ފްލައިޓް އެޓެންޑެންޓް ކައިރީ ނޯމާ ބުންޏެވެ.
އެމީހާއަށް އެހެން ސީޓެއް ދިނުމުން ވެސް ވިންޑޯ ސީޓެއް ނޫނީ ބޭނުމެއް ނުވި އެވެ. އެންމެ ފަހުން ފްލައިޓް އެޓެންޑެންޓަށް މަޖްބޫރުވެގެން އެމީހާ ވަނީ ފްލައިޓުން ބާލާފަ އެވެ.
ފްލައިޓުން ފައިބަން ދަމުންވެސް އެމީހާ ވަނީ ނޯމާ އާއި އޭނާގެ އެކުވެރިޔާ ވަރަށް ހުތުރު ބަސްތަކުން މަލާމާތްކޮށްފަ އެވެ.
ތެދުވެގެން ދަމުންވެސް ނޯމާ މެންނަށް އެމީހާ ވަނީ ބަހުގެ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އަދި އޭނާ އެހާ ލޫޅާފަތިކޮށް އެ ހުރީ ސެލެޑް ކާތީކަމަށް އެމީހާ ބުނި ކަމަށް ވެއެވެ.