ރަޝިއާގެ ޕްރޮފެޝަނަލް ހެކަރެއްގެ އެހީގައި އިންޑިއާގެ 820 ދަރިވަރުން ޖޭއީއީ މެއިން އިމްތިހާނުގައި މަކަރު ހަދައިފި އެވެ.
ޖޮއިންޓް އެންޓްރަންސް އެގްޒެމިނޭޝަން އަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 1860 ވަނަ އަހަރުގެ ސޮސައިޓީސް ރެޖިސްޓްރޭޝަން އެކްޓްގެ ދަށުން އުފައްދާފައިވާ ނެޝަނަލް ޓެސްޓިން އެޖެންސީ އިން އެންއައިޓީއެސް، އައިއައިއައިޓީއެސް އަދި ސީއެފްޓީއައިއެސް ފަދަ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި އިންޖިނިއަރިން ޔުނިވާސިޓީ ތަކަށް ވަންނަން އެދޭ ދަރިވަރުންގެ ފެންވަރު ބެލުމަށް ކުރިއަށް ގެންދާ އިމްތިހާނެކެވެ.
މި އިމްތިހާނުގައި ބައިވެރިވެވެނީ ގްރޭޑް 12ގެ އިމްތިހާނުތަކުން އެންމެ މަދުވެގެން 75 ޕަސަންޓުގެ ނަތީޖާއެއް ހޯދައިގެންނެވެ. '
އިންޑިއާގެ އެންމެ ފެންވަރު ރަނގަޅު ކޮލެޖް ތަކަށް ވަންނަން ހަދާ މި އިމްތިހާނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނުވަ ލައްކަ ދަރިވަރުން ބައިވެރިވެފައިވެ އެވެ. ކޮމްޕިއުޓާ ބޭސްޑް ޓެސްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ ޖޭއީއީގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި މަކަރު ހެދުން ހުއްޓުވަން މި އިމްތިހާން ބާއްވަނީ އެކަމަށް ހާއްސަ ވަކި މަރުކަޒުތަކެއްގަ އެވެ. އަދި ދަރިވަރުން ޓެސްޓް ހެދުމަށް ބޭނުން ކުރާ ކޮމްޕިއުޓަރުތައް ހުންނަނީ ސޮފްޓްވެއާއެއް ބޭނުންކޮށްގެން އިމްތިހާން ދޭ ފަރާތުން ބޭނުންވާ ގޮތަށް ސިސްޓަމްތައް ކޮންޓްރޯލްކޮށްފަ އެވެ. މާނައަކީ އެ ފަރާތުގެ ހުއްދަ ނެތް މީހަކަށް ނުވަތަ ބަޔަކަށް އެ ސިސްޓަމްތަކަކަށް ނުވަދެވޭނެ އެވެ.
ކަޒަކިސްތާނުން އިންޑިއާގެ ދިއްލީއަށް އައުމާއި އެކު ރަޝިއާގެ ހެކަރު މިކެއިލް ޝާގިން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ސީބީއައި އިން ނެރެފައިވާ ލުކް އައުޓް ސާކިއުލާއަކާއި ގުޅިގެން އިންޑިއާގެ ބިއުރޯ އޮފް އިމިގްރޭޝަންނުންނެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ 2021 ވަނަ އަހަރުގެ ޖޭއީއީ އިމްތިހާނުގެ ސޮފްޓްވެއާ ހެކްކޮށް ދަރިވަރުން ޓެސްޓް ހެދުމަށް ބޭނުން ކުރި ކޮމްޕިއުޓާ ސިސްޓަމްތައް އިމްތިހާނުގެ ވަގުތުގައި އެހެން މީހުން ހެކްކުރަން އެހީތެރިވެ ދިނުމެވެ. ނަން ހާމަކޮށްފައި ނުވާ ޕްރައިވެޓް ކުންފުންޏެއްގެ މައްޗަށް 2021 ވަނަ އަހަރު ވަނީ ޖޭއީއީ އިމްތިހާނުގައި އިންޑިއާގެ ހަރިޔާނާގައި ގާއިމުކޮށްފައިވާ ޖޭއީއީ އެގްޒެމިނޭޝަން ސެންޓަރުގެ އޮންލައިން ޓެސްޓް ހެކުކޮށް ދަރިވަރުގެ ބަދަލުގައި ސުވާލު ޕޭޕަރު ހެދި ކަމަށް ތުހުމަތުކޮށް އޮކްޓޯބަރު 1، 2021ގައި މައްސަލަ ފައިލްކޮށްފަ އެވެ. އަދި މައްސަލައިގެ ތުހުމަތުގައި ކުންފުނީގެ ޑިރެކްޓަރުންނާއި ބައެއް މުވައްޒަފުންގެ އިތުރުން އެހެން ބަޔަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އިންޑިއާގެ ސީބީއައި އިން މިމައްސަލައާއި ގުޅިގެން ހިންގި ތަހުގީގުގައި މިހާތަނަށް 24 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 19 ތަނެއް މިހާތަނަށް ބަލައި ފާސްކޮށްފައިވާއިރު ހެކީގެ ގޮތުގައި 25 ލެޕްޓޮޕް، ހަތް ކޮމްޕިއުޓަރު އަދި 30 ޗެކެއް ވަނީ ހޯދާފަ އެވެ.
ސީބީއައި އިން މިކެއިލް ޝާގިން ކޯޓަށް ހާޒިރު ކުރުމުން ދިއްލީގެ ކޯޓުން ވަނީ އޭނާގެ ބަންދަށް މުއްދަތު ޖަހާފަ އެވެ. ސީބީއައި އިން ކޯޓުގައި ބުނެފައިވަނީ މިކެއިލް ޝާގިން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށާއި އޭނާ އަކީ އައިލެއޮން ސްފްޓްވެއާ ހެކްކުރި ފަރާތް ކަމަށެވެ. އަދި މިކެއިލް ޝާގިން ބޭނުންކުރާ ހުރިހާ އިލެކްޓްރޯނިކް ސާމާނުތަކުގެ ޔޫޒާ ނޭމް އަދި ޕާސްވޯޑް ސީބީއައި އަށް ދިނުމަށް އޭނާގެ މައްޗަށް އަމުރުކޮށް ދިނުމަށްވެސް ކޯޓުގައި އެދިފައިވެ އެވެ. މިއަށް ރައްދު ދެމުން މިކެއިލް ޝާގިން ބުނީ އޭނާ ބޭނުން ކުރާ އިލެކްޓްރޯނިކް ޑިވައިސްތަކުގެ އެކްސެސް ސީބީއައި އަށް ދެވޭނީ އޭނާގެ ހާޒިރުގައި އެތަކެތި ބަލަން ކަމުގަ އެވެ.
ސީބީއައި އިން ބުނާ ގޮތުގައި ޝާގިން ވަނީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުގެ ގްރޭޑް 10 އަދި 12ގެ މާކްސް ޝީޓާއި ޔޫޒާ އައިޑީ ތަކާއި ޕާސްވޯޑްގެ އިތުރުން ސެކިއުރިޓީގެ ގޮތުގައި ޕޯސްޓް ޑޭޓެޑް ޗެކު ނަގާފަ އެވެ. އަދި އިމްތިހާނުގައި މަކަރު ހެދުމަށްފަހު ބޭނުންވާ ކޮލެޖަކުން އެޑްމިޝަން ލިބުމުން ކޮންމެ ދަރިވަރެއްގެ އަތުން 12-15 ލައްކައާ ދެމެދުގެ އަދަދަކުން ފައިސާ ނަގާފަ އެވެ.
ތަހުގީގުގެ ކުރީކޮޅު އިމްތިހާނުގައި މަކަރު ހެދި ކަމަށް ތުހުމަތު ކުރެވުނީ 20 ދަރިވަރަކަށް ކަމަށްވީ ނަމަވެސް ތަހުގީގުގައި މިހާތަނަށް ހޯދާފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް 820 ދަރިވަރަކު އިމްތިހާނުގައި މަކަރު ހެދި ކަމަށް މިހާރު ބެލެވެ އެވެ. އަދި އިމްތިހާނުގައި މަކަރު ހަދާފައިވަނީ ސޮފްޓްވެއާ ހެކުކުރުމަށްފަހު ދަރިވަރުގެ ބަދަލުގައި އެހެން ބަޔަކު އިމްތިހާން ކަރުދާސް ފުރިހަމަކޮށްގެން ކަމަށްވެސް ތުހުމަތުކުރެވެ އެވެ. މިމައްސަލައިގައި މިކެއިލް ޝާގިންގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ބަޔަކު ވެސް ހިމެނޭކަމަށް ޝައްކު ކުރެ އެވެ.