ގައުމީ ޔުނިވާސިޓީ

އެމްއެންޔޫއިން ވަޒީފާގެ މައުރަޒެއް ބާއްވަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން [އެމްއެންޔޫ] އިން "ފަހި ހުރުސަތު"ގެ ނަމުގައި ވަޒީފާގެ މައުރަޒެއް ބާއްވަން ނިންމައިފި އެވެ.

އެމްއެންޔޫ އިން ދަސްވެނިވާ ދަރިވަރުންނާއި އާންމުންނަށްވެސް ހުޅުވާލައިގެން މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 9 އަދި 10 ވަނަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

އެމްއެންޔޫ އިން ވަނީ މިއަހަރުގެ ޖޫން މަހު ވެސް މިފަދަ މައުރަޒެއް ބާއްވާފަ އެވެ. އޭރު އެ އިވެންޓަށް ބޮޑު ތަރުހީބެއް ލިބުމުގެ ސަބަބުން ކުރިއަށް އޮތް މައުރަޒު މާލެ ކެމްޕަސްގެ އިތުރުން އަތޮޅުތެރޭގެ ކެމްޕަސް ތަކުގައިވެސް ބޭއްވުމަށް އެމްއެންޔޫ އިން ވަނީ ނިންމާފަ އެވެ.

މިމައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި، ވަޒީފާ ހޯދާފަރާތްތަކާއި، އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތައް ގުޅުވައިދޭ ބާޒާރެކެވެ.

އެމްއެންޔޫއިން ބާއްވާ ވަޒީފާގެ މައުރަޒުގެ މަގުސަދަކީ މާލެއާއި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކިއެކި މުއައްސަސާތަކުގައި ހުރި އާމްދަނީ އަދި މަސައްކަތުގެ ތަޖުރިބާ ލިބޭ އެކި ކަހަލަ ފުރުސަތުތަށް އާންމުންނަށް އަންގައިދީ ބުނެދިނުމެވެ.