އެސްޓީއޯ

މަކިޓާގެ އާ އުފެއްދުންތައް ދައްކާލައިފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން މަކިޓާ ބްރޭންޑުގެ އާ އުފެއްދުންތަކެއް ދައްކާލައިފި އެވެ.

މެންހެޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި "މަކިޓާ ނައިޓް"ގައި ގިނަ އުފެއްދުންތަކެއް ދައްކާލި އެވެ. މިގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު އާލާތްތަކާއި، މަސައްކަތުގެ މާހައުލުގައި ބޭނުންހިފޭނެ އުފެއްދުންތަކެއް ހިމެނެ އެވެ.

އެސްޓީއޯ އަކީ ޖަޕާންގެ މަކިޓާގެ ކުންފުނީގެ ރާއްޖޭގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރެވެ. 1998 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން އަންނަނީ މަކިޓާގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންނެވެ.

އެސްޓީއޯ އިން ރޭ ދައްކާލި އުފެއްދުންތަކުގެ ތެރޭގައި ބެޓަރި ލައްވައިގެން ބޭނުންކުރާ ފެން ހޫނުކުރާ ޖަގާއި، ވަޔަލެސް ސްޕީކަރާއި، ކޫލާ ބޮކްސްގެ އިތުރުން ގަސްކޮށާ ކަތުރު ފަދަ ތަކެތި ހިމެނެ އެވެ.

މަކީޓާ ސިންގަޕޫރުގެ ރީޖަނަލް ސޭލްސް މެނޭޖަރު ޕްރަމޯދު ޗަންދްރަން ވަނީ އަލަށް ތައާރަފުކުރި އުފެއްދުންތަކުގެ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކޮށްފަ އެވެ. ރޭގައި ދައްކާލި އުފެއްދުންތައް އަމިއްލައަށް ތަޖުރިބާ ކޮށްލުމަށްވެސް ފުރުސަތު ދީފައިވެ އެވެ.

އެސްޓީއޯގެ މާކެޓިން ކޮމިއުނިކޭޝަންސް ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރްވީން ވިދާޅުވީ އެސްޓީއޯއިން ވިއްކާ މަކިޓާގެ އުފެއްދުންތަކަށް ކަސްޓަމަރުންގެ މަގުބޫލުކަން ވަރަށް ބޮޑު ކަމަށެވެ.

"ނަތީޖާއެއްގެ ގޮތުން މަކިޓާއަށް ހާއްސަ ޝޯރޫމެއް މިހާރު މިވަނީ ހުޅުވާފަ" ޕަރްވީން ވިދާޅުވި އެވެ.

އެސްޓީއޯ އިން މިހާރު ވަނީ މަކިޓާގެ ކޯޑްލެސްގެ ފަހުގެ އުފެއްދުންތައްވެސް ވިއްކަން ފަށާފަ އެވެ. މީގެތެރޭގައި އެކި ރޭންޖުތަކުގެ ބެޓްރީ ބުރުމާ، ބެޓްރީ ކީސް އަދި ބެޓްރީ ކަޓަރުގެ އިތުރުން ބެޓްރީ ހެމާ ފަދަ ތަކެތި ހިމެނެ އެވެ.